ގުޅީފަޅުން އިތުރަށް ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލުގެނެވިފައިވާކަމަށާއި، ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި މިކަމުން އިސްތިސްނާ ވާނީ، ބުރިޖު އަޅާ ސަރަޙައްދުން ގޯތި ލިބޭ މީހުން އެކަނި ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުފަޅު ތަރައްގީކުރުމަށް ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނޭކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގޯތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އުތުރު ތިޅަފަޅުން 125 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާލެވޭނެ ކަމަށާއި، އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިންމަވާލެއްވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.







