ޕްލޭނިން މިނިސްޓްރީ އިން ބުނެފައިވަނީ ގުޅީފަޅުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ފަހެއް ޖަހާއިރު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ޓީވީން ލައިވް ކުރާނެ ކަމަށެވެ.
ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ.
ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާކަމަށް ސަރުކާރުންވަނީ ކުރިން ވަނީ ހާމަކުރައްވާފައެވެ.
މިފަހަރު ގުޅީފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ބިން ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން، މާލޭގައި ހިންގަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް ގުޅީފަޅަށް ބަދަލުކޮށް ސަރަޙައްދީ ބަނދަރެއް ތަރައްގީ ކުރުމަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅު ހިއްކައިގެންނެވެ. މިދިޔަ ހަފްތާ ގައި ސަރުކާރުންވަނީ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފަ އެވެ.






