މާލެ: 31°C

ގެސްޓްހައުސް ހިންގަން ފޭސް 2 އިން 15 ބިމެއް ދޫކުރަން ހުޅުވާލައިފި

January 7, 2023
2 ފަހަރު ބަލާފައި
ގެސްޓްހައުސް ހިންގަން ފޭސް 2 އިން 15 ބިމެއް ދޫކުރަން ހުޅުވާލައިފި
ގެސްޓްހައުސް ހިންގަން ފޭސް 2 އިން 15 ބިމެއް ދޫކުރަން ހުޅުވާލައިފި
ހުޅުމާލޭގެ ފޭސް 2 ގައި ގެސްޓްހައުސް ވިޔަފާރިއަށް އަމާޒުކޮށްގެން އެޗްޑީސީން ތަރައްގީކުރަމުން އަންނަ "އާބަން އައިލް" ގައި ގެސްޓްހައުސް ހިންގަން 15 ބިމެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ. އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވާ ގޮތުން ގެސްޓްހައުސް އަޅަން ދޫކުރާ ބިންތައް ކުއްޔަށް ހިފަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުސަތު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވައިލަފަ އެވެ. އެ އިއުލާނުގައިވާ ގޮތުން ގެސްޓްހައުސް އަޅަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ޝައުގުވެރިކަން ފާޅުކުރެވޭނީ އިއުލާން ކުރި 15 ބިމުގެ ތެރެއިން އެންމެ ގިނަވެގެން ދެ ބިމަކަށެވެ. ގެސްޓްހައުސް އަޅަން ކުއްޔަށްދޭން އެޗްޑީސީން މިފަހަރު ހުޅައިލި ބިންތަކުގެ ބޮޑުމިން ހުރީ 3،000 އަކަފޫޓުން ފެށިގެން 7،000 އަކަފޫޓާ ހަމައަށެވެ. ހުޅުމާލެ ފޭސް2 ގެ އެންމެ އުތުރުގައި ހިންގާ "އިންޓަރގްރޭޓެޑް އާބަން ޓޫރިޒަމް ޕްރޮޖެކްޓް" ގައި ތަރައްގީކުރާ ސަރަހައްދަކީ ޓޫރިޒަމަށް ހާއްސަ ކޮށްގެން، ހުޅުމާލޭ ފޭސް 2 ކާ ގުޅުވާލާފައިވާ ވަކި ރަށެއްހެން ތަރައްގީކުރާ ސަރަަހައްދެކެވެ. ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ޓޫރިސްޓުންނަށް ހާއްސަ، އެކިފަންތީގެ އެކަމަޑޭޝަން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ސަރަހައްދުގައި މެދުފަންތީގެ 10 ބުރީގެ ތިން ހޮޓަލަކާއި މަތީފަންތީގެ 10 ބުރީގެ ތިން  ހޮޓަލެއް އަޅާނެ އެވެ. އަދި ، 10 ބުރިއާއި އަށް ބުރިއާ ދެމެދުގެ ހަތަރު ހޮޓަލަކާއި ހަ ބުރީގެ 21 ގެސްޓްހައުސްއަކާއި އަދި ތިން ބުރީގެ 11 ލަގްޒަރީ ވިލާ ވެސް އެތަނުގައި ހަދާނެ އެވެ. ސާވިސް އެޕާޓްމަންޓް ހެދުމަށް 10 ބިމަކާއި ވިޔަފާރީތަކަށް ހާއްސަ ނުވަ  ބިމެއް ވެސް އެ ސަރަހައްދުން ދޫކުރާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ