
ގެސްޓް ހައުސް އަޅަން ވަކި ފަންޑެއް ހަދައި، ލުއި ލޯނު ދޭނަން: ރައީސް
ގެސްޓް ހައުސް އަޅަން ވަކި ފަންޑެއް ހަދައި، ލުއި ލޯނު ދޭނަން: ރައީސް
ލިޔުން:
ދެވަނަ ދައުރެއްގައި ގެސްޓް ހައުސް އެޅުމަށް ވަކި ފަންޑެއް ހުޅުވައި އެއިން ލުއި ލޯނު ލިބޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ހއ. ބާރަށަށް ވަަޑައިގެން ބޭއްވި ބައްދަލުވުމުގައި މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބާރަށަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ، ރީތި ސިފަތަކެއް ލިބިފައިވާ ރަށެއް ކަމަށެވެ. އަދި އެރަށުގެ ރައްޔިތުންނަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ ބައެއް ކަމަށާއި އޮޑިދޯނި ބަނުމާއި އަތްތިރި އަދި ހިރިވެލި މަސައްކަތް ފަދަ އެތައް މަސައްކަތްކޮށް އުޅޭ މުރާލި ބައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ބާރަށަށް ފޭބުމުން ފެނުނީ 2018 ވަނަ އަހަރު ތާއީދު އޮތްވަރަށްވުރެއް އިތުރަށް ގިނަ ރައްޔިތުން ނުކުމެ މަރުހަބާ ކީ މަންޒަރު ކަމަށެވެ. އޭގެން ސާފުވަނީ ބާރަށު ރައްޔިތުން މި ސަރުކާރުން ގެންނަ ތަރައްގީއާއެކު ކުރިއަށްދާން ތައްޔާރަށް ތިބިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ބާރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ބާރަށުގެ ހުރިހާ ގެއަކަށް ފެނުގެ ހިދުމަތް ލިބި، ސާފު ބޯފެން އެރަށަށް ލިބޭގޮތް ހަދައިދޭނެ ކަމަށެވެ. އެރަށުގައި ނިމިފައިވާ މަޝްރުއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތްް އިތުރުކުރުމާއި ފުޓްބޯޅަ ދަނޑަކާއި އައުޓް ޑޯ ޖިމަކާއި އަދި ސެލްފްސާވިސް އޭޓީއެމް އެއް މިހާރު ގާއިމްކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ބާރަށުގެ ރައްޔިތުން އެދޭ އަދިވެސް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ބާރަށު ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އަޅާ ދިނުމާއި ސްކޫލު އޮފީސް އިމާރާތެއް އަޅައިދިނުމަށް އެދިފައިވާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ކުރިއަށް މިއޮތް ދައުރުގެ ކުރީ ކޮޅުގައި މި ރަށުގެ ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި ސްކޫލު އޮފީސް މި ރަށުގައި އަޅައިދޭނަން.". ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ނަރުދަމާ އަދި ފެނުގެ ނިޒާމް ގާއިމްކޮށް ނިމުމުން، ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
ބޮޑުތިލަދުންމައްޗަށް މި ސަރުކާރުން ބޮޑު ބަދަލެއް ގެންނަކަން ފާހަގަކޮށް ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އާރްޓީއެލްގެ ހިދުމަތާއެކު މުޅި ބޮޑު ތިލަދުންމަތި އެކީގައި ގުޅުމުން މިއިން ކޮންމެ ރަށަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބާރަށުގައި "ރަށު ފަތުރުވެރިކަން" ތަރައްގީ ކުރުމަށް ވަރަށްވެސް ރަނގަޅުވާނެކަން ފާހަގަކޮށް ރައީސް ސޯލިހް ވަނީ އެކަމަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.
"މިއީ މުސްތަގުބަލެއް އޮތް ރަށެއް. ހަނިމާދޫ އެއާޕޯޓު އޮތީ މި ރަށާ 10-15 މިނެޓު ކައިރީގައި. ރަށު ފަތުރުވެރިކަން ފައްކާކުރަން މިއަށްވުރެ ފައްކާ ރަށެއް އޮންނާނެއެކޭ އަޅުގަނޑު ނުދަންނަވާނަން. ތި ބޭފުޅުން ތައްޔާރުވެވަޑައިގަންނަވަންވީ މިކަމަށް. ދުރާލާ ވިސްނާލާ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގެ ތެރޭގައި، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ގެސްޓްހައުސް އެޅުމަށް ވަކިން ފަންޑެއް ހުޅުވައި، އޭގެއިން ލުއި ލޯނު ލިބޭ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެސަބަބުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރަށުގައި ތިބެ އާމްދަނީ ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
