މާލެ: 31°C

ގޮނޑި ގެއްލޭ މައްސަލަ: ދައުލަތުން އިޖުރާއީ މައްސަލައެއް ފާހަގަ ކުރިނަމަވެސް، މައްސަލަ ބެލޭނެ ކަމަށް ކޯޓުން ނިންމައިފި

February 18, 2025
110 ފަހަރު ބަލާފައި
ގޮނޑި ގެއްލޭ މައްސަލަ: ދައުލަތުން އިޖުރާއީ މައްސަލައެއް ފާހަގަ ކުރިނަމަވެސް، މައްސަލަ ބެލޭނެ ކަމަށް ކޯޓުން ނިންމައިފި
ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ބާއްވާފަ އެވެ.

އަޑުއެހުމުގައި އަލީ ހުސައިންގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ކަމުގައި ފާހަގަކުރައްވާފަ އެވެ.

ވުމާ އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތުން ބުނީ އިޖުރާއީ ގޮތުން މި މައްސަލަ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެން ނުވާ ކަމަށެވެ. ވުމާ އެކު އެދުނީ އެގޮތަށް ކަނޑައަޅައިދިނުމަށެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެމްޑީޕީއަށް ދިން ފުރުސަތުގައި ވަކީލު އަނަސް އަބްދުއްސައްތާރު ވަނީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އެ ޕާޓީން ވެސް ފާހަގަކުރާ ކަންކަން ކަމަށް ވުމާ އެކު، އެ ނުކުތާތަކަށް ތާއީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.

"އަލީ ހުސައިން ވ. އެޓާނީ ޖެނެރަލްގެ އޮފީހުގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށް ފަހު ފަނޑިޔާރުން ނިންމަވާފައި ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް އަދި މި މައްސަލައިގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންމުމުގައި ހިމެނުމަށް،" އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އަނަސް ވިދާޅުވީ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުން ރައްޔިތުންގެ ބާރު ނިގުޅައިގަނެވިގެންދާ ކަމަށެވެ.

ގާނޫނު އަސާސީގެ 75 އަދި 90 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށް ވަކި ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ބަލަން ޖެހޭ ހަމަތަކަކާއި ރިއާޔަތް ކުރަން ޖެހޭ މިންގަނޑުތަކަކާއި ހިފައްޓައި އަދި ނަގަހައްޓަން ޖެހޭ ވަކި އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކާ ގުޅިގެން ގައުމުތަކުގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވާލައްވައި ސުޕްރީމް ކޯޓުތަކުން ޖުޑީޝަލް ރިވިއުގެ ބާރު އެ ކޯޓުތަކަށް ލިބިގެންވާ ކަމަށް ނިންމާފައިކަން ވެސް ވަކީލު ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ