މާލެ: 31°C

ގޮނޑި ގެއްލޭ އިސްލާހަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިއްޖެ

February 25, 2025
191 ފަހަރު ބަލާފައި
ގޮނޑި ގެއްލޭ އިސްލާހަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. މެންބަރުން ވަކިކުރުމުގެ އިޖުރާއަތު ނުހިންގުމުގެ ވަގުތީ އަމުރަކަށް އެދިފައިވަނީ މި މައްސަލައިގެ ތެރެއިންނެވެ.

"އަޅުގަނޑު ހުށައަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށައަޅައިފިން.“ އަލީ ހުސައިން ވިދާޅުވެފައިވެ އެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާއިރު، ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވަނީ، އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންްމުމުގައި ހިމެނުމަށެވެ. އަދި މައްސަލައިގައި ދައުލަތުން ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަނިކޮށް، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ އިސްލާހެއް ދިިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނަށް ވަނީ ހުށަހަޅާފަ އެވެ. އަދި މި އިސްލާހު ބަލައިގަންނަން ވޯޓު ދިނުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ މެންބަރުންގެ މައްޗަށް ވިޕް ނެރެފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އަލީ ހުސައިން މީގެކުރިން ވިދާޅުވެފައިވަނީ، ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސް، ކޮމިޓީގެ މަސައްކަތް ނިންމާ، މަޖިލީހުން ބިލު ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައިވެ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ