މި ސަރުކާރަށް މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ނުދޭން ބަހަނާދައްކަމުންދާ ކަމަށާއި، ތިން މަސް ދުވަސް ތެރޭގައި ގޯތިތައް ހަވާލު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ފަލާހުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު ވަނީ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިން އިތުރަށް ބިން ހިއްކައިގެން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަަސައްކަތް މިހާރު ހުއޓިފައިވާކަމަށެވެ. އަދި އެ ގޯތިތަކާއި ފްލެޓްތައް ނުދޭން މި ސަރުކާރުން ބަހަނާ ދައްކަމުންދާކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވިދާޅުވި ގޮތާއި ހިލާފަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
"ކެމްޕެއިން ތެރޭގައި ވަރަށް ސާފުކޮށް ވިދާޅުވީ މާލޭގެ އެއްވެސް ރައްޔިތަކު އެމީހަކަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލާކަށް ނުޖެހޭނޭ ގުޅީފަޅާއި ނޫނީ ގިރާވަރުފަޅު ނޫނީ ހުޅުމާލެ އިން ގޯއްޗެއް ހޯދާކަށް. އެހެންނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވަނީ އޭގެ ދިމާ އިދިކޮޅަށް. ބިންކޮޅެއް ލިބިފައިވާނަމަ އެ ބާތިލުކުރެވޭނެކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.







