މާލެ: 31°C

ރިޔާސީ ބަޔާން 2025: ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް

February 6, 2025
246 ފަހަރު ބަލާފައި
ރިޔާސީ ބަޔާން 2025: ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް
ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް ކަމަށާއި، އެބިމުން އެމީހުން ނެރެން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް ކަމަށާއި، އެބިމުން އެމީހުން ނެރެން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ޣައްޒާގެ ބިމުން ފަލަސްތީނުގެ މީހުން ކައިރި ގައުމުތަކަށް ބަދަލުކޮށް، އެތަނުގައި އެމެރިކާގެ އިންވެސްޓްމެންޓެއް ކުރުމަށް ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައިވާކަން ފާހަގަ ކުރައްވާފައެވެ.

އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖޭން ވާނީ ކޯ ސްޕޮންސަރު ކުރިކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން އަބަދުވެސް ދޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ