މާލެ: 31°C

2007އިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާވެއްޖެ

November 1, 2025
188 ފަހަރު ބަލާފައި
2007އިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާވެއްޖެ
ދެހާސް ހަތްވަނަ އަހަރު އުފަންވި އަދި އެއަށްފަހު އުފަންވާ އެންމެންނަށް މިއަދުން ފެށިގެން ސިނގިރޭޓު ވިއްކުން މަނާވެ، ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށައިފިއެވެ.

ދެހާސް ހަތްވަނަ އަހަރު އުފަންވި އަދި އެއަށްފަހު އުފަންވާ އެންމެންނަށް މިއަދުން ފެށިގެން ސިނގިރޭޓު ވިއްކުން މަނާވެ، ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށައިފިއެވެ.

ޖެނެރޭޝަނަލް ބޭންއަކީ، ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ.

ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޓަކައި މި ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވީ، މިއަހަރުގެ މޭ މަހުގެ 21ވަނަ ދުވަހެވެ.

މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކާ ބެހޭ ބަޔަށްވެސް އިސްލާޙު ހުށައަޅާފައިވެއެވެ. އެގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ، ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން އެކަންޏެވެ. އަދި މި އިސްލާހުގެ ދަށުން އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ނުވިއްކޭނެއެވެ. މާނައަކީ، ދުންފަތުގެ ބާވަތް ގަންނަނީ ކާކުކަން ވިޔަފާރިވެރިޔާއަށް އެނގުމެވެ.

މި އިސްލާޙުގައި ދުންފަތް ގަންނަން އަންނަ މީހާގެ ޢުމުރު ކަށަވަރު ނުކުރެވޭނަމަ، އައިޑީ ކާޑު ނުވަތަ އެފަރާތުގެ ޢުމުރު އަންގައިދޭ އެނޫންވެސް ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރިކުރާ ތަންތަނުގައި ޤާނޫނުގައި މަނާކުރާ މީހުންނަށް އެ ތަކެތި ވިއްކުމަކީ ޤާނޫނުގައި މަނާ ކަމެއްކަން އަންގައިދޭ، އިންޒާރެއް ޢާންމުންނަށް ފެންނާނެހެން ބަހައްޓަންވެސް ޖެހޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ