މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދި "އެމް ސާވާރީ" ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި ބޯޓުން ދަތުރުކުރި ހަ މީހުން ކަނޑުމަތިން ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.
އެ ބޯޓު މާލެއިން ފުރީ ރޭ ދަންވަރު 1:30 ގަ އެވެ. ބޯޓުގެ ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއާ އެއާ ކްރާފްޓަށް ކަމަށެވެ. އެކަމަކު އެ ބޯޓާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.
ހަމީހުން ކަނޑުމަތިން ސަލާމަތްކޮށްފައިވާ އިރު ކުރިން، އެމްއެންޑީއެފް އިން ދިން މައުލޫމާތުން އަދަދު ކަަށަވަރެއް ނުވެއެވެ. ދެ ދިވެހިންނާއި ދެ ބިދޭސީން ދޯނީގައި ތިބިކަމަށް ކުރިން ބުނި ނަމަވެސް އެބޯޓުން ހަ މީހުން ދަތުރުކުރިމަކަށް އެމްއެންޑިއެފްއިން ބުންޏެވެ. [embed]https://twitter.com/MNDF_Official/status/1654059074252840960[/embed]އެމްއެންޑީއެފުން އާންމުކުރި ޗާޓުން ފެންނަ ގޮތުގައި މީހުން ފެނުނީ ބޯޓާ މާ ދުރުންނެވެ. ބޯޓު އަޑިއަށް ގޮސްފައި ވަނީ ފުލިދޫ ކަނޑު ބޭރުންނެވެ.
ސަލާމަތްކުރި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ގާޒީ އަށް ނަގާފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.







