ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ 14 ހަފްތާ މަގުޗާޓުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ޕޯޓަލް، ހިޔާވެހި ޕޯޓަލް ލޯންޗު ކޮށްފި އެވެ.
މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ހ. މީރުމާގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑރ. ޢާއިޝަތު ޝިހާމް އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވީ، މި ޕޯޓަލްއާއެކު ބޯހިޔާކަމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވިގެން ދާނެކަމަށާއި، ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހިކަމާއި ގުޅުންހުރި ހައުސިންގ ސްކީމްތައް އަދި ލޯން ސްކީމްތަކަށް ހުށަހެޅޭނެ ކަމަށެވެ.
މި ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރުމަށް ވައުދުވެފައިވާ ބޯހިޔާވެހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެކެވެ.
އެއާއެކު މި ޕޯޓަލްގެ ޒަރިއްޔާއިން ސަރުކާރުގެ ކޮންމެ ހައުސިންގ މަޝްރޫޢަކަށް ވަކިވަކިން އަމިއްލަ މަޢުލޫމާތުތައް ހުށަހެޅުން ނިމުމަކަށް ގެނެސް،ފަސޭހަ ކަމާއެކު ބޯހިޔާވަހިކަމުގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނޭކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި ޕޯޓަލް މެދުވެރިކޮށް ގެދޮރުވެރިކަމަށް ދޫކުރާ ލޯނަށް އެދުމުގެ އިތުރުން، ހައުސިން ސްކީމްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ.







