ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ވަޠަންދެކެ ލޯބިވުން" މައުޟޫގެ މައްޗަށް ހާއްސަކޮށްފައިވާ ހުތުބާ ގައިބުނީ، ވަތަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ތަބީޢަތުގައިވާ ކަމެއްކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނީ ފިތުރަތާއި، އިންސާނިއްޔަތުގެ ދީން ކަމަށް ވާތީ، އެ ދީން މިކަމާ ދެކޮޅު ނުހަދާކަމަށް ހުތުބާގައި ފާހަގަރުކިއެެވ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ޙިސޯރުކޮށް ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ސިހްޔޫނީ ސިފައިން ދެމުންގެންދާ ހަމަލާތަކާއެކުވެސް ފަލަސްތީނުގެ ރައްޔިތުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަތަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުންކަމަށް ފާހަގަކޮށް ހުތުބާގައި ބުނީ މިއީ މިއަދު ފެންނަމުންދާ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއްކަމަށެވެ.
ހުތުބާގައި ބުނީ ވަތަންދެކެ ލޯބިވާމީހާ ތިމާގެ ފުށުންވާ ގޯނާތަކާއި، ދުއްތުރާތަކުން ވަތަނުގެ ކޮންމެ ރައްޔިތަކު ސަލާމަތްކޮށްދޭން ބޭނުންވާނެކަމަށެވެ.
" (اَلْمُسْلِمُ مَنْ سَلِمَ النَّاسُ مِنْ لِسَانِهِ وَيَدِهِ، وَالْمُؤْمِنُ مَنْ أَمِنَهُ النَّاسُ عَلَى دِمَائِهِمْ وَأَمْوَالِـهِمْ) މާނައީ: "ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން މީސްތަކުންނަށް ސަލާމަތްކަން ލިބިފައިވާ މީހާއެވެ. އަދި ޙަޤީޤީ މުއުމިނަކީ މީސްތަކުންގެ ލެއާއި މުދާތައް އޭނާގެ ކިބައިން އަމާންވެފައި ވާ މީހާއެވެ." ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.
މުޖުތަމަޢަށް އަމާންކަން ލިބޭނީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކު ރަނގަޅު މީހަކަށް ވެގެންކަމަށާއި ކޮންމެ މީހެއްގެ ވަށައިގެން ދިރިއުޅޭ މީހުންނަށް،
އަމާންކަމާއި ސަލާމަތްކަން ލިބިދޭ މީހަކަށް ވެގެންކަމަށް ހުތުބާގައި ބުންޏެވެ.
"އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅާލާން އެބަޖެހެއެވެ. ދޭދޭ ފަރުދުންގެ މެދުގައި ހުރި ހިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަސްލަހަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން އެބަޖެހެއެވެ." ހުކުރު ހުތުބާގައި ބުންޏެވެ.
ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށްވެސް ހުތުބާގައިބުންޏެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ ސޯލިހު އިންސާނުން ބިނާކުރުމާއި، ކޮންމެ މީހަކުވެސް ގައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ގައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަންތައްކަމަށެވެ. އަދި ތަޢުލީމު ހާސިލުކުރުމަށް ފަހު، ޤައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ގައުމުގައި ރިވެތި އަހްލާގާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަހްލާގީ ޢަމަލުތަކުން ގައުމު ތާހިރު ކުރުމަށް މަސައްކަތް ކުރުން ވެސް ގައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.