މާލެ: 31°C

ގައުމުގެ ކުރިއެރުންތައް މުރާޖައާ ކުރަންޖެހޭ: ލަންކާގެ ރައީސް

February 5, 2023
2 ފަހަރު ބަލާފައި
ގައުމުގެ ކުރިއެރުންތައް މުރާޖައާ ކުރަންޖެހޭ: ލަންކާގެ ރައީސް
ގައުމުގެ ކުރިއެރުންތައް މުރާޖައާ ކުރަންޖެހޭ: ލަންކާގެ ރައީސް
ސްރީލަންކާގެ މިނިވަންކަމަށް 75 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަން އިސްލާހުކޮށް، ގައުމެއްގެ ހައިސިއްޔަތުން  ހަރުދަނާކަމާއި ކުރިއެރުންތައް މުރާޖައާ ކުރަންޖެހޭ ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން ވެސް ހިމެނި ވަޑައިގަންނަވައެވެ. ވިކްރަމަސިންހަ ރިޔާސަތު ބެލެހެއްޓެވި އެ ހަފްލާގައި 21 ބަޑީގެ ސަލާމާއެކު އަސްކަރީ ޕެރޭޑެއް ވަނީ ބާއްވާފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި މިވަނީ މިނިވަންކަން ލިބުމަށްފަހު އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާގެ ތެރޭގައި އެ ގައުމު އަދިވެސް އޮތްއިރު، 200 މިލިއަން ރުޕީސް ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ބޭކާރު ހަރަކާތެއް ކަމަށް ބުނެ އިދިކޮޅު ޖަމާއަތްތަކުން ފާޑުކިޔަމުން ދަނިކޮށެވެ. ރަނިލްގެ މެސެޖުގައި ވިދާޅުވެފައިވަނީ އިސްތިއުމާރީ ވެރިކަމުން މިނިވަންވިތާ 75 އަހަރު ފުރުން ފާހަގަކުރަނީ ގައުމުގައި ވަރަށް ނާޒުކު އަދި ގޮންޖެހުން ބޮޑު ދަނޑިވަޅެއްގައި ކަމަށެވެ. އެހެން ނަމަވެސް، މިއީ ގައުމެއްގެ ހައިސިއްޔަތުން ލިބިފައިވާ ބާރުތަކާއި ކުރިއެރުންތައް މުރާޖައާކުރުމުގެ އިތުރުން، ކުށްތަކާއި ނާކާމިޔާބީތައް ރަނގަޅުކުރުމުގެ ފުރުސަތެއް ކަމަސް ވިދާޅުވިއެވެ. ލަންކާއަށް މިނިވަންކަން ލިބުމަށްފަހު ކުރިމަތިވި އެންމެ ނުރައްކާތެރި އިގްތިސާދީ ކާރިސާގެ ސަބަބުން އެތައް މަހެއްވަންދެން އާންމުންގެ އިހުތިޖާޖުތައް ކުރިއެވެ. އަދި ސިޔާސީ ހަލަބޮލިކަމެއް އުފެދުނެވެ. ބޭރު ފައިސާގެ ދަތިކަމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިކަމުގެ ސަބަބުން އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި މަގުތަކަށް މީހުން ނުކުތެވެ. ހޮނިހިރު ދުވަހު ބޭއްވި މިނިވަން ދުވަހުގެ ޖަލްސާ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކުރީ އެ ހަރަކާތަކީ ރައްޔިތުންގެ މެންޑޭޓެއް ނެތް ހަރަކާތެއް ކަމަށާއި އެއީ މިހާރުވެސް ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބުރަކަމެއް ކަމަށް ބުނަމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި ބޭހުގެ ދަތިކަމުގެ ސަބަބުން މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓިފައިވާކަން އެ މީހުން ފާހަގަކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ