ފުލުހުންނާއި ސިފައިން ގުޅިގެން ފެށި ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިރޭ 11 ޖަހާކަށްހާއިރު ފުރަތަމަ ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 މާރިޗް 10 ވަނަ ދުވަހު (މިރޭ) ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާކަމަށެވެ.
އެއަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލާފައެވެ. ނަމަވެސް އެ އޮޕަރޝަން ހިންގަންވަނީ ފަށީ ފަށާފައެވެ.
އެގޮތުން މާލެއާ ހުޅުމާލޭގައި ސިފައިންނާ ފުލުހުން އެކުގައި ނިކުމެ ބައެއް ތަންތަނާއި ވެހިކަލް ތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން އެމްއެމްއޭ ކުރިމަތިން ދުއްވާފައިދިޔަ ލޮރީއެއް ބަލައި ފާސްކޮށް އެ ދުއްވަން އިން މީހާ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އެ މީހާ އާއިއެކު އެމީހާ ދިރިއުޅޭ ގެއަށް ގޮސް ސަލާމަތީ ބާރުތަކުން ވަނީ އެމީހާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށް އެ ގެއިން ބައެއް ތަކެތިވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުން ދިޔަ އެހެން ލޮރީއެއްވެސް ބަލައިފާސްކުރިއެވެ. އަދި މާލޭ ޝަބްނަމް މަގުގައި ހުރި ގެއަކާއި ހެންވޭރު ދަނޑު ކައިރި ހުރި ގެއަކާއި ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްވެސް ބަލައި ފާސްކުރިއެވެ. މީގެ އިތުރުން ހުޅުމާލެ ވިނަރެސް ފުލެޓަކާއި ހުޅުމާލެ ފޭސް 2 އާ އެއްވެފައި އޮންނަ ފަރުކޮޅުފުށި ސަރަހައްދުވެސް މި އޮޕަރޭޝަންގައި މިހާތަނަށް ބަލައިފާސްކޮށްފައިވެއެވެ.
ފުލުހުން މިރޭ މެންދަމު 2:15 ހާއިރު އެކްސް ގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.







