މާލެ: 31°C

ގައުމީ މަޖިލީހާއި ޕީޖީ އަދި ކޮންގްރެސްގެ ތާއީދު ރައީސް ނަޝީދަށް ގެއްލުނީ ކީއްވެ؟

January 27, 2023
2 ފަހަރު ބަލާފައި
ގައުމީ މަޖިލީހާއި ޕީޖީ އަދި ކޮންގްރެސްގެ ތާއީދު ރައީސް ނަޝީދަށް ގެއްލުނީ ކީއްވެ؟
ގައުމީ މަޖިލީހާއި ޕީޖީ އަދި ކޮންގްރެސްގެ ތާއީދު ރައީސް ނަޝީދަށް ގެއްލުނީ ކީއްވެ؟
ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައިވާ ބޮޑު އިންތިހާބެކެވެ. އަދި ރާއްޖޭގެ މުސްތަގުބަލާވެސް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އިންތިހާބެކެވެ. އެ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައި ވީނަމަވެސް މީގެ ކުރިން އެ ޕާރޓީގައި ނަޝީދާއި ވާދަކޮށްލެވޭނެ މީހަކު ހުންނާނެކަމަށް ގާބޫލުވެސް ނުކުރެވެއެވެ. ނުވަތަ ވާދަ ކުރިއަސް އެހެން މީހަކަށް މާބޮޑު ކާމިޔާބެއް ހޯދިދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ޕާރޓީގެ ތެރޭގައި ހާއްސަކޮށް އިސް ސަފުގައި ނަޝީދުގެ ނުފޫޒު އިންތިހާއަށްގަދަވެ ތާއީދު ބޮޑުވުމެވެ. އެގޮތުން އެޕާރޓީގެ ގައުމީ މަޖިލީހުން ނަޝީދު ބޭނުން ކޮންމެ ކަމެއް ބޭނުންގޮތަށް ދިޔައީ ނިންމަމުންނެވެ. އަދި އިދާރީ ކޮމެޓީތަށް އެއަށްވުރެވެސް ފަސޭހައެވެ. މީހަކަށް ނުވަތަ ވަކި ބަޔަކަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ރާއްޖޭން ބޭރުގައި ނަޝީދު ހުންނެވިޔަސް އެންމެ މެސެޖަކުން އެކަންކަން ގެންދެވީ ނިންމަވަމުންނެވެ. އޭގެ ހެއްކަކަށް މީގެ ކުރިން ކުއްލި ގޮތްގޮތަށް ޕާރޓީ އިން ވަކިކުރެވުނު އިސް ބޭފުޅުން ފުދެއެވެ. އެފަދަ ކޮމެޓީއެއްގައި މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖެހުން އެދި ވިދާޅުވީ "އަންނާނީ މެސެޖެއް އެގޮތަކަށް އެ ކޮމެޓީއަކުން އެކަން ނިންމާލަން ޖެހޭނީ" އެއަކު ސުވާލެއް ނޯންނާނެ." އެބޭފުޅާ ވިދާޅުވިއެވެ. ކޮންމެ އަކަސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީ އަދި ވެރިކަންކުރާ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމް.ޑީ.ޕީ އަކީ ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާރޓީ ކަމަށް އަބަދުވެސް ދައުވާ ކުރާ ޕާޓީއެވެ. ޕާރޓީގެ އެތެރޭގެ ޑިމޮކްރެސީ ވެސް އެންމެ ހަރުދަނާ ޕާރޓީ އަކީ އެމްޑީޕީ ކަމަށް އެމީހުން ދައުވާ ކުރެއެވެ. އެވާހަހަކަށް ބާރުދޭ ހެކިތަކެއްވެސް އެޕާރޓީން ފެނެއެވެ. އެތެރޭގެ އިންތިހާބުތަށް ގިނައެވެ. ވާދަކުރާ ކެންޑިޑޭޓުންވެސް ގިނައެވެ. ކޮންމެއަކަސް ކަންކަން ކޮންމެ ގޮތަކަށް ހިނގިޔަސް ކޮންމެ ޕާރޓީއެއްގައިވެސް ބާރުގަދަ މީހަކު ނުވަތަ ބަޔަކު އުޅޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެޕާޓީގައި އެފަދަ އެއް ބޭފުޅަކީ ކުރީގެ ރައީސް ނަޝީދެވެ. އެ މަންޒަރު ބަދަލުވާންފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުއެވެ. ކުރިން އެންމެ މެސެޖަކުން ނިންމަމުން އައި ކަންކަން ނުނިންމި އެޕާރޓީގެ ގައުމީ މަޖިލީހުގައި އޮތް މެޖޯރިޓީވެސް ނަޝީދަށް އެންމެ ފަހުން ގެއްލުނީއެވެ. ނަތީޖާއަކަށްވީ ނަޝީދު ކުރިން ނިންމަވާގޮތަށް ކަންކަން ނުނިންމެވުމެވެ. އަދި ގައުމީ މަޖިލީހުގެ ބައްދަލުވުންތަށް ހޫނުވެ ނަޝީދަށް ތާއީދުކުރާ މެންބަރުން ބައްދަލުވުންތަށް ބޮއިކޮޓް ކުރި މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. ގައުމީ މަޖިލީހުގެ މާކުރިން ރައްޔިތުންގެ މަޖިލީހުގެ އެޕާރޓީއަށް އޮތް ބޮޑު މެޖޯރިޓީގެ ތެރެއިން ރައީސް ނަޝީދަށް އޮތް ސަޕޯޓް ވަނީ ކުޑަވެ ހީނަރުވެފައެވެ. ގައުމީ މަޖިލީހުގައި މެޖޯރިޓީ ގެއްލުމާއެކު ނަޝީދަށް ތާއީދުކުރާ މީހުން ބުނަމުން ދިޔައީ ގައުމީ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ވަޒީފާއާއި ފައިސާގެ ނުފޫޒު ފޯރުވާފައިވާކަމަށެވެ. އެގޮތަށް ގައުމީ މަޖިލީހުގެ މެޖޯރިޓީ ނެގުނަސް އެޕާޓީގެ ގައުމީ ކޮންގްރެސް ގެ ތާއީދު ނަޝީދަށް ލިބޭނެ ކަމަށެވެ. އަދި(އެކްސްޓްރާ އޯޑިނަރީ) އާދަޔާ ޚިލާފު ކޮންގްރެސް އަކަށް އެމަނިކުފާނުގެ ގާތްމީހުން ގޮވާލެއްވިއެވެ. ނަމަވެސް އެފަދަ ކޮންގްރެސް އެއް ނުބޭއްވި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވަން ގާނޫނުން ލާޒިމުކުރާ ކޮންގްރެސް އާއި ހަމައަށް ދިއުމުން ނަޝީދުގެ ސަޕޯޓަރުން އުންމީދުކޮށްގެން ތިބީ ކޮންގްރެސްގައި ބޭނުން ކަންކަން ނިންމޭނެ ކަމަށެވެ. ނަމަވެސް ހާހެއްހައި ކޮންގްރެސް މަނުން ބައިވެރިވި އެ ބޮޑު ބައްދަލުވުމުގައިވެސް ކަންކަން ދިޔައީ ނަޝީދު ހީކުރެއްވި ގޮތަކަށް ނޫނެވެ. އަބަދުވެސް ނަޝީދާއި އޭނާގެ ޓީމުން ތުހުމަތުކުރާ ނުފުޒުން އެއްކިބާވުމަށް ކޮންގްރެސް ގައި ވޯޓް ނަގާނީ ސިއްރުންތޯ ނުވަތަ ހާމައަށް އަތް އުފުލައިގެންތޯ ސުވާލު އުފެއްދެވިއެވެ. އެ ސުވާލު ކުރިމަތިކޮށް އެ ހުށައެޅުން ހުށައެޅީ ނަޝީދާއި އޭނާގެ ޓީމުން ގަބޫލު ކުރާ ގޮތުގައި ބިރެއްނެތި ވޯޓުދެވޭނީ ސިއްރުންކަމަށްވާތީއެވެ. އެގޮތުން ފުރަތަމަ ވޯޓަށް ހުށައެޅުނީ ކޮންގްރެސްގައި ވޯޓްލާނީ ސިއްރުންތޯ ނުވަތަ އަތް އުފުލައިގެންތޯ، ބެލުމަށެވެ. މި ވޯޓް ލެވުނީ ނަޝީދު ބޭނުންވި ގޮތަށް ސިއްރު ވޯޓެއްގެ ގޮތުގައެވެ. ނަމަވެސް ބިރެއް ނެތި ކޮންގްރެސް މަނުން ސިއްރިއްޔާތުގައި ލީ ވޯޓުން ނަޝީދަށް ސާފުވީ ކޮންގްރެސްގައި އެއްވެސް ކަމަކުން ކުރިއެރުމެއް ލިބެން ނެތްކަމެވެ. ގާތްގަނޑަކަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި އެ ކޮންގްރެސްގެ ސިއްރު ވޯޓްގެ ނަތީޖާވެސް ނިކުތީ ރައީސް ނަޝީދު ހުށައެޅުއްވިގޮތާ ހިލާފަށް ފާޅުގައި އަތް ނަގައިގެން ވޯޓް ލާށެވެ. އަދި އެންމެ ހައިރާންކުރުވި އަނެއްކަމަކީ އެގޮތަށް ވޯޓްލީ މީހުންގެ އަދަދު ގިނަކަމެވެ. މާނައަކީ ރައީސް ނަޝީދާ ދެކޮޅަށް ސިއްރު ވޯޓްގައި ދިން ވޯޓް އިތުރުކަމެވެ. ގާތްގަނޑަކަށް 850 އަށްވުރެ ގިނަ ވޯޓް ރައީސް ނަޝީދާ ދެކޮޅަށް އައުމުން ކޮންގްރެސް އާއިމެދު ކުރެއްވި އުންމީދު ދޫކޮށްލެއްވިއެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ކުރިން އެވަރުގެ ބޮޑު ތާއީދެއް އޮތް ބޭފުޅަކަށް ކުއްލިއަކަށް އެ ތާއީދު ގެއްލުނީ ކީއްވެތޯއެވެ. މިއީ ކޮންމެހެންވެސް ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބަކީ ސިއްރެއްވެސް ނޫނެވެ. ރައީސް ނަޝީދަށް ޕްރައިމަރީގައި އަދި ކޮންގްރެސްގައި ތާއީދު ނުކުރާ/ނުކުރި ގިނަ މެންބަރުން ކައިރީ އަހައިލައިފިނަމަ ބުނަނީ އެއްވާހަކައެކެވެ. އެއީ ރައީސް ނަޝީދު ގޮވައިގެން އަލުން ވެރިކަމަށް އެމްޑީޕީއަށް އާދެވޭނެ މަގެއް އެމީހުނަށް ނުފެނަންނީއެވެ. އެމީހުން ރައީސް ނަޝީދު ދެކެ ރުޅި އަންނަނީއެއް ނޫނެވެ. ފޫހި ވަނީއެއްވެސް ނޫނެވެ. އެކަމަކު އެހެން ސަބަބު ތަކެއްވެސް ހުރީއެވެ. ދެން އޮތް ސުވާލަކީ ވެރިކަމަށް ނަޝީދު ނެރެގެން ނާދެވޭނެ ކަމަށް އެޕާޓީގެ ގިނަ ބަޔަކު ގަބޫލުކުރަނީ ކީއްވެގެން ތޯއެވެ. ސަބަބުތަށް ކިޔައިދޭން ބައެއް މެންބަރުން ދެކޮޅުހެއްދެވިއަސް ބައެއް މެންބަރުން އެކަންކަން ވަރަށް ކުރުކޮށް ކިޔާލަދިނެވެ.

ފުރަތަމަ ކަމަކީ ބުނާ ބަހުގައި ނުހިފެހެއްޓުމުގެ ސަބަބުން ގުޅިގެން މަސައްކަތް ކުރަން ދަތިވުން

ގައުމީ މަޖިލީހުގެ މެންބަރަކު ކިޔައިދިން ގޮތުގައި އެމްޑީޕީ އަކީ މިރާއްޖޭގެ އެންމެ ބޮޑު ޕާރޓީއަށް ވިޔަސް އެކަނި ވެރިކަމަށް އަންނަން އަދިވެސް އުނދަގޫ ވާނެއެވެ. އެހާލަތުގައި އޮތް ގޮތަކީ އެހެން މީހުން ނުވަތަ ޕާޓީތަކަކާއި ގުޅިގެން މަސައްކަތްކުރުމެވެ. 2008 ގެ ވެރިކަމުގައި ކަން ހިނގާފައިވާގޮތުން އެކަން ކުރަން ނަޝީދަށް އުނދަގޫވާނެއެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ކިޔައިދިނީ ނަޝީދު ފެއްޓެވި ބަރުލަމާނީ ކެމްޕެއިންގައި ފުރަތަމަ ދިޔައީ އެހެން ސިޔާސީ ޕާޓީތަކުގެ ގާތަށެވެ. ވަކިވަކިން އެންމެނާ ބައްދަލުކޮށް އެކަމުގައި އެއްބާރުލުމެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އަދާލަތާއި، ޖުމްހޫރީ ޕާރޓީއާއި އަދި އަބަދުވެސް ބާގީއެއްކަމަށް ވިދާޅުވާ ކާނަލް ނާޒިމްގެ އެމް އެން ޕީ އާއިވެސް ބައްދަލުކޮށް މަޝްވަރާ ކުރިއެވެ. އަދި އބޭފުޅުންނަށް ތައުރީފުކޮށް ވާހަކަ ދެއްކެވިއެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ބޮޑުވަޒިރުކަމަށް ވަރަށް ގާބިލު ބޭފުޅެއްކަމަށް ވިދާޅުވެ، ނޫސް ތަކުގައި ވެސް އެވާހަކަ ލިޔުއްވިއެވެ. ނަމަވެސް އެއްވެސް ބައެއްގެ ފުށުން އެއްބާރުލުމެއް ނުލިބުމުން އެކަން ހުއްޓާލެއްވިއެވެ. މިހާރު ނަޝީދަށް ކުދި ޕާޓީތަށް ކަމުނޮގޮސްގެން އުޅެނީ "ހިޔަޅަށް މޭބިސްކަދުރު ހިތިވީހެން" ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ދެވަނަ ކަމަކީ ކުރެއްވި ބައެއް ކަންކަމާ ދެއްކެވި ބައެއް ވާހަކައިން އެޅުނު "ލާދީނީ ލަގަބު"

2008 ގައި ވެރިކަން ލިބުމާއެކު ކޮންޓްރަވާޝަލް އެތައް ވާހަކައެއް ދެއްކެވިއެވެ. އެ މެންބަރު ވިދާޅުވީ އެވާހަކަތައް ދިފާއު ކުރަން އޭރު އަހަރުމެންވެސް އުޅުނީން އެކަމަކު އަބަދަކު ދެން އެކަމެއް ނުވާނެ. "މި ޕާރޓީ އަކީ އެތައް ހާސް ބައެއްގެ އުންމީދު އެންމެ މީހެއްގެ ބޭނުމަށް އެ އެންމެން ދުލެއް ނުކޮށްލެވޭނެތާ" އޭނާ ކިޔައިދިނެވެ. އެގޮތުން އެއްވާހަކައަކީ މަސްތުވާ ތަކެތީގެ ތެރެއިން ދިޔާ އެއްޗެހި "ރާ" ބުއިން އެއީ މާބޮޑު މައްސަލައަކަށް ނެހެދުމަށް ދޭހަވާފަދަ ގޮތަކަށް ދެއްކެވި ވާހަކައެވެ. އަދި އެވާހަކަ ދައްކަވާފައި އެބަ ވިދާޅުވޭ މިއީ ރައީސަކަށް ހުންނަ މީހަކު ދައްކަން މާ ރަނގަޅު ވާހަކައެއް ނޫނޭ ވެސް... އެކަމާ އެތަށް ބަޔަކު ރުޅިއައިސް މަގުތަކަށް ނިކުންނަށް ޖެހުމުގެ ފެށުމަކަށް ވީ އެއްކަމަކީ އެއީ އަނެއް ވާހަކަ އަކީ އިޒްރާއީލާއި ގުޅުން ގާއިމުކުރުމަށް ފާޅުގައި ދެއްކި ވާހަކަ އެވެ. އަދި މިފަހަރު މަޖިލިސް އިންތިހާބަށް ކެމްޕެއިން ފެއްޓެވި ޖަލްސާގައިވެސް ކައިވެނިން ބޭރުގައި ދަރިން ހޯދުން އެއީ އެހާ ބޮޑު ކަމަކަށް ނުހެދުމަށް ދޭހަވާފަދަ ގޮތަކަށް ދެއްކެވި ވާހަކަ އޭނާ ފާހަގަ ކުރިއެވެ. މި ހުރިހާ ވާހަކަ އަކަށްވުރެ ބޮޑު އެންމެ ގޯސް ވާހަކަ އަކަށް އޭނާ ފާހަގަ ކުރީ ޑެންމާކުގައި ދެއްކި މަޝްހޫރު ވާހަކައެވެ. "މިކަހަލަ ކަންކަން ކިހިނެއް އަބަދު ދިފާއު ކުރާނީ" އޭނާ ކިޔައިދިނެވެ. މިސާލަކަށް އެވާހަކައިގައި ވެސް މީހަކު ނިދަން އުޅެ ނުނިދުމުން ޝެއިޚަކަށް ގުޅީމަ ބުނެފާނެ ކޮންމެވެސް އެއްޗެއް" މިކަހަލަ ގޮތަކަށް ބުނި ނަމަވެސް ދިފާއު ކުރެވުނީސް ސަބަބަކީ ޝެއިޚަކު ހަމަ ބުނެފާނެތާ އެއްޗެއް، އެކަމަކު އެހެނެއް ނޫން މި ބުނަނީ ޝެއިޚް ބުނެފާނެޔޭ އެކަމާ ބެހޭ ގޮތުން ރަސޫލާ ސއވ ހާދީސް ކުރެއްވި އެއްޗެއް ނޫނީ ކަލާންގެ ބާވާއިލެއްވި އެއްޗެއް ދެން އެ އެއްޗެއް ކިޔައިގެން އޮންނަންވީއޭ، އެ ނޫން ގޮތެއް އަހަރުން އެބަ ހޯދަން ޖެހޭ، މިހުންނަނީ ދިވެހިން ބަލައިގަންނާނެ ކަހަލަ ވާހަކަތަކެއް ނޫން... https://www.youtube.com/watch?v=zJ7lH9oaLKU

ތިންވަނަ ކަމަކަށް މާ އަވަހަށް ރުޅިއައިސް އަޑުއުފުލުން

ރައީސް ނަޝީދަކީ ކިތައްމެ ޑިމޮކްރެޓިކް ބޭފޫޅެއްކަމަށް ހެދިގެން އުޅުނަސް އެބޭފުޅާއާއި ދެބަސް ވެއްޖެނަމަ ވަރަށް އަވަހަށް ރުޅިއައިސް ހަޑި ހުތުރު ބަސްތަށް ބޭނުން ކުރާކަމަށް އޭނާ ކިޔައިދިނިވެ. އެގޮތުން މި އިންތިހާބަށް ކުރިމަތި ލެއްވުމާއެކު ގުޅުއްވި ބޭފުޅުންނާ ފުރަތަމަ ވަރަށް ރީއްޗަށް ރިކުއެސްޓް ކުރެއްވީ ތާއިދު ކޮށްދެއްވުމަށް ދެން އިރުކޮޅަކުން ރުޅިއާދޭ އެބަހުރި ހުތުރު އަވަގުރާނަ ގޮވާފަ ފޯނުގަ ރެކޯޑިންގ ވެސް އޭނާ ކިޔައިދިނެވެ. އެކަހަލަ އެތައްކަމަކާ އެހެން ނޫނަސް އަބަދު އެކަކު ގޮވައިގެން ނޫޅެވޭނެތާ! "ކޮންމެ އެއްޗަކަށްވެސް އޮންނާނެއްނު އެކްސްޕަޔަރީ ޑޭޓޭޢް" އޭނާގެ ވާހަކަ ނިންމާލީ އެހިސާބުންނެވެ. ކޮންމެ އަކަސް މިކަހަލަ އެތަށް ސަބަބަކާހުރެ ރައީސް ނަޝީދުގެ މަގްބޫލުކަން ފަނޑުވެފައިވާއިރު އަމިއްލަ ޕާރޓީ ތެރޭގައި އޮތް ތާއީދު ވަޒަން ކޮށްލަން ލިބޭ ފަހު ފުރުސަތަށް މި ޕްރައިމަރީ ވުން އެއީ އެކަށީގެންވާ ކަމެކެވެ. ނުވަތަ ކާމިޔާބު ހޯއްދަވައި އަލުން ރިޔާސީ ރޭހަށް ނިކުންނެވުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ޕާރލިމަންޓްރީ ގުރޫޕާއި، ކޮންގްރެސްގެ ތާއީދު ރައީސް ނަޝީދަށް ނެތަސް އާންމު މެންބަރުންގެ ތާއީދު އޮތްވަރު ހޮނިހިރު ދުވަހުގެ އިންތިހާބުގައި އެނގިގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ