ސިފަައިންނާއި ފުލުހުން އިތުރުކުރުމަށް، ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސިފަައިންނާއި ފުލުހުން އިތުރުކުރުމަށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ހިންގެވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
"ޤައުމީ ޚިދުމަތުގެ" ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވަނީ ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ތެރެއިން އަސްކަރީ އަދި ދިފާޢީ ބާރު އިތުރުކުރޮށް ވަރުގަދަ ކުރެއްވުމުގެ ބޭނުމުގައެވެ. ރައީސްގެ އަމާޒަކީ އަސްކަރީ އަދި ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި ޒަމާނާ އެއްގޮތަށް މުހިއްމު ފެންވަރަކަށް ތަރައްޤީކުރެއްވުމެވެ.
ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތައުލީމުގެ ފުރުސަތު ނުލިބޭ ކުދިންގެ އަދަދު ދެހާހުން މަތީގައި އުޅޭއިރު، އެފަދަ ކުދިންނަށް އަމާޒުކޮށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެއްޓެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔަރުވެފައެވެ. އެގޮތުން އިދާރީ ކަންކަން ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބި، މިލިޓަރީ ތަމްރީން ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ޤައުމަށްވެސް ސިފައިންގެ ހިދުމަތަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އޮފީހުން މިއަދު ވަނީ، އެއޮފީހުގެ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފައެވެ. އެ ދެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސެކްރެޓޭރިއޭޓް ހިންގަވާ އިސް ބޭފުޅެއްގެ މަޝްވަރާގެ މަތިން ހިންގުމާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމެވެ. ޕްރޮގުރާމް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ޓައިމްލައިން ތައްޔާރުކޮށް، މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުމަކީ ވެސް އެ މަގާމުގައި ކުރަންޖެހޭ ކަމެކެވެ.







