މާލެ: 31°C
ގައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ހިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭ: ނައިބު ރައީސް

ގައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ހިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭ: ނައިބު ރައީސް

July 26, 2023
2 ފަހަރު ބަލާފައި
ގައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ހިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭ: ނައިބު ރައީސް
ގައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ހިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު އައްޑޫ ހައި ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބުގެ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އައްޑޫ ސިޓީއާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައެވެ. މިނިވަންދުވަހުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުންނނައިބު ވަނީ ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވި ގައުމީ އަބުތާލުން އެކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް އެ ބޭފުޅުންގެ ޒިކުރާ އައުކުރަންޖެހޭކަމުގައި ވިދާޅުވެފައެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުންކަން ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް ކުރެވޭ އެކި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު އައްޑޫ ސިޓީގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކާއެކު އައްޑޫސިޓީއަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމުގައި ވިދާޅުވެފައެވެ. ނައިބުގެ ވާހަކަފުޅުގައި ގައުމުގެ ތަރައްގީ ހާސިލުކުރުމުގައި ޒުވާނުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްދެއްވުމަށާއި އަދި ކިޔަވާކުދިން މަސައްކަތްތެރިބަޔަކަށްވެ ކޮންމެ ރޮނގަކުންވެސް ގައުމަށް ހިދުމަތްކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ. މި ޖަލްސާއަށް ފަހު ނައިބު ވަނީ އައްޑޫ ހައި ސްކޫލުގައި އައްޑޫ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ސްކޫލުތަކުގެ ފަރާތުން ވަނީ ސްކޫލުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަމާއި އިންސާނީ ވަސީލަތްފަދަ ސްކޫލުތަކަށް ބޭނުންވާ މުހިންމުކަންކަމާއި ސްކޫލުތަކަށް ކުރިމަތިވާ ދަތި މައްސަލަތައް ނައިބާއި ހިއްސާ ކުރައްވާފައެވެ. ނައިބު ވަނީ އެކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ