މާލެ: 31°C

ގާސިމުގެ ނަސޭހަތް: ސިޔާސީ ކަންކަމުގައި ރައްޓެހި ނުވޭ ވަރަށް ރުޅި ނުވާތި!

February 26, 2023
2 ފަހަރު ބަލާފައި
ގާސިމުގެ ނަސޭހަތް: ސިޔާސީ ކަންކަމުގައި ރައްޓެހި ނުވޭ ވަރަށް ރުޅި ނުވާތި!
ގާސިމުގެ ނަސޭހަތް: ސިޔާސީ ކަންކަމުގައި ރައްޓެހި ނުވޭ ވަރަށް ރުޅި ނުވާތި!
ސިޔާސީ ކަންކަމުގައި އަލުން ރައްޓެހި ނުވެވޭ ވަރަށް ރުޅި ނުވާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާއިމް އިބްރާހީމް އެޕާޓީގެ މެމްބަރުންނަށް ނަސޭހަތް ދެއްވައިފި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީން ވާދަކުރަން ގޮވާލައި އެޕާޓީގެ ގައުމީ ކޮންފަރެންސަށް ރޭ ހުށަހެޅި ގަރާރުގެ ބަހުސަށް ހުޅުވައިލުމުގެ ކުރިން ޕާޓީގެ މެމްބަރުންނަށް ނަސޭހަތް ދެއްވަމުން ގާސިމް ވިދާޅުވީ ސިޔާސީ ކަންކަމުގައި "އަލުން ރައްޓެހި ނުވެވޭ ވަރަށް ރުޅިވާން ނުވާނެކަން" މާޒީގެ ތަޖުރިބާއިން ފެންނަމުން އެބަދާ ކަމަށެވެ. އެކަމާ މެދު ވިސްނާ ކޮންމެ މީހަކަށް އެކަމުގެ އަލިގަދަ ދަލީލުތައް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެއްވެސް ސިޔާސީ ކަމެއްގައި، ހާއްސަކޮށް ސިޔާސީ ކަމެއްގައި އަޅުގަނޑުމެން އެއްވެސް ބަޔަކާ ރުޅިވާން ވާނީ އަލުން ރައްޓެހި ނުވެވޭ ވަރަކަށެއް ނޫނޭ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން ބަޔަކާ އެކުވެރިވާން ވާނީ، ވަކިވާން ބޭނުންވާ ހިނދެއްގައި ދުރަށް ވެސް ޖެހި ނުލެވޭ ވަރަކަށެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ. އެ ނަސޭހަތާ އެކު ގާސިމް އެދިވަޑައިގެންނެވީ ވަކި މީހަކަށް އެމީހެއްގެ ޒިންމާ އަދާ ނުކުރެވިގެން ނުވަތަ އަދާނުކޮށްގެން ވާހަކަ ނުދެއްކުމަށެވެ. އެއީ މާނައެއް ހުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގަރާރަށް ބަހުސް ކުރަން ޖެހޭނީ އިލްމީ ގޮތެއްގައި ކަމަށް ވިދާޅުވެ، އެ ނޫން ގޮތަކަށް ބަހުސް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ވެސް ގާސިމް ދެއްވި އެވެ. ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ދައްކާ ވާހަކައެއްގެ ސަބަބުން މީޑިއާއަކަށް އަދަބެއް ލިބޭ ކަހަލަ ވާހަކައެއް ނުދެއްކުމަށް ގާސިމް އިންޒާރު ކުރެއްވި އެވެ. "މިބާވަތުގެ ކަމެއްގައި، ޖޯޝާ ފޯރިން ފުރިގެން އަތް ނަގާފައި، ތިމަންނާގެ އަތުގައޭ އެންމެ ބާރު ގަދަ ވާނީ މިހެން ބުނެ އެއްވެސް ބޭފުޅަކު ވާހަކަ ނުދައްކަވާށޭ، އެއަކުން ލިބޭނެ ވަކި މޮޅެއް ނޯންނާނެ. އަބަދުވެސް އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ވިސްނުން. ހިތަކުންނެއް ނޫން ވިސްނާނީ، ސިކުނޑިން ވިސްނާނީ،" ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލައި ހުށަހެޅި ގަރާރު އެޕާޓީގެ ގައުމީ ކޮންފަރެންސްގައި އެވަގުތު ތިއްބެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ. އެހެން ނަމަވެސް ގާސިމް ވިދާޅުވި ގޮތުގައި އެއީ އަދި އެގަރާރަށް އަމަލުކުރަން ލާޒިމު ގަރާރެއް ނޫނެވެ. އެކަމަކު އެގަރާރަށް އަމަލުކުރުމާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިހާރު ގަރާރަކީ ކުރީގައި ވެސް ދަންނަވައިލެވުނު ފަދައިން އަޅުގަނޑުމެންގެ ކައުންސިލް އޭގެ މައްޗަށް ބައިންޑިން ވާ، އެހެން ގޮތަކަށް ބުނަންޏާ އެއަށް އަމަލުކުރަން މަޖުބޫރު އެއްޗެއް ނޫންކަން އެކަން ހަނދުމަފުޅު ބަހައްޓަވައިގެން [ތިއްބަވާތި]،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން އެ ގަރާރު ފާސްކޮށްފައި ވާތީ އެ ގަރާރު ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ