ގާސިމް އިބްރާހީމްގެ ހަގު އަނބި ރާނިއާ ވަރިކުރި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
މިނިވަން އަށް މަޢުލޫމާތުދިން ރާނިއާގެ ރައްޓެއްސަކު މިނިވަންއަށް ކިޔައިދިން ގޮތުގައި ގާސިމް ރާނިއާ ވަރިކުރީ ޓެކްސްޓް މެސެޖަކުންނެވެ. ވަރިކުރި ސަބަބެއް އަދި ވަރިކުރި ދުވަހެއް މި ނޫހަށް ސާފުވެފައެއް ނުވެއެވެ.
ގާސިމް ރާނިއާ ބައިންދާފައި އިންނަނީ ވިނަރެސްގެ އެޕާޓްމަންޓެއްގައެވެ.
ތިރީގައި އެވަނީ ގާސިމް އިބްރާހީމާއި ރާނިއާގެ ލޯބީގެ ވާހަކައާ ބެހޭ ގޮތުން މީޑިއާގައި ރިޕޯޓްކޮށްފައިވާ ކުރު ވާހަކަ ކޮޅެކެވެ. މި ވާހަކަތައް ނަގާފައި ވަނީ ގާސިމްގެ ބަޔޮގްރީއިންނެވެ.
ޖަލުން މިނިވަންވެ، ގާސިމްގެ ރަށަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަން ދިގު ކިޔުއެއް ދަމާލާފައި އޮތެވެ. ފަހަރަކު މީހަކާ ސަލާމް ކުރައްވަމުން ގޮސް ރާނިޔާއާ ވެސް ސަލާމްކޮށްފި އެވެ. އޭރު ރާނިއާ އަކީ ވިލާ ކުންފުނީގެ މުވައްޒަފެކެވެ.
ސަލާމް ކުރެއްވުމުން ބަޔަކު ފޮޓޯނަގައިގެން ރަށު ތެރޭގައި ދޮގު ވާހަކަތަކެއްވެސް ފެތުރި އެވެ. ގާސިމަށްވެސް އޮތީ މި ކަހަލަ ވާހަކަތަކެއް ދެކެވޭކަން އެނގި ވަޑައިގެންފައެވެ.
މިއީ ލިޔުންތެރިޔާ މުހައްމަދު ޖަމީލު ލިޔެފައިވާ ގާސިމްގެ ބަޔޮގްރަފީ ގައި ގާސިމްއާ ރާނިޔާގެ ވާހަކަ ފެށިގޮތެވެ. އެ ސަލާމްކުރުމަށް ފަހު ގާސިމްއާ ރާނިޔާއާ ދެ މީހުން ބައްދަލުވީ މާމިިގިލި އެއާޕޯޓުންނެވެ.
މާމިގިލި ރީތި އަންހެނުންގެ ތެރޭ ހިމެނޭ ރާނިޔާ މަސައްކަތްކުރަނީ އެއާޕޯޓުގަ އެވެ. އޭގެ ފަހުނު ބައްދަލުވެ ވާހަކަ ދެކެވެން ފެށި އެވެ. ވާހަކައިގެ ތެރެއިން ގާސިމަށް ރާނިޔާ މާ ކަމުދިޔަ އެވެ. އެންމެ ފަހުން ކައިވެންޏަށް އެއްސެވި އެވެ.
"އެކަމުގައި ގޮތެއް ނިންމަވަން ރާނިޔާއަށްވީ ވަރަށް އުނދަގޫ ކަމަށެވެ. އެ ކައިވެނިފުޅަކީ ވަރަށް ހީނުރާ ކަހަލަ ކަންތައްތަކެއްގެ ތެރެއިން އުފެދުނު ގުޅުމެކެވެ" ޖަމީލު ލިޔެފައިވެ އެވެ.
އެކަމަކު އެންމެ ފަހުން އެއްބަސްވެ މާމިގިލީ ހަޒާރުމާގޭ މަރިޔަމް އަފްރާ އާއި އަބްދުލް ހަމީދު އިބްރާހީމްގެ ދޮށީ އަންހެން ދަރިފުޅު ފާތިމަތު ރާނިޔާއާ ގާސިމް ކައިވެނި ބައްލަވައިގަތީ ސެޕްޓެމްބަރު 30، 2020 ގަ އެވެ.
ދެ ބޭފުޅުން ކައިވެނި ބައްލައިގަތީ ކޮވިޑް-19 ގެ ދުވަސްވަރަކަށް ވާތީގެ ގާސިމް ވެސް ގިނަ ވަގުތު ހޭދަކުރެއްވީ ސަން އައިލެންޑް ރިސޯޓުގަ އެވެ. އަރިހުގައި ގިނައިން އުޅުއްވަމުން ގެންދެވީ ވެސް ރާނިޔާ އެވެ.







