މާލެ: 31°C
ގާސިމްގެ ކެމްޕޭން ހަރަކާތްތައް އައްޑޫއަތޮޅުގައި ފަށައިފި

ގާސިމްގެ ކެމްޕޭން ހަރަކާތްތައް އައްޑޫއަތޮޅުގައި ފަށައިފި

July 19, 2023
3 ފަހަރު ބަލާފައި
ގާސިމްގެ ކެމްޕޭން ހަރަކާތްތައް އައްޑޫއަތޮޅުގައި ފަށައިފި
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް އައްޑޫ އަތޮޅުގައި މިއަދު ފަށައިފައިވާ ކަމަށް އެ ޕާޓީގެ ދެކުނު ކެމްޕެއިން އޮފީހުން ބުނެފިއެވެ. އައްޑޫ އަތޮޅަށް ޖޭޕީގެ ފަރާތުން ޒިޔާރަތް ކުރި ޓީމުގައި އިސްކޮށް ހަރަކާތްތެރިވީ ޖޭޕީގެ ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒު ރަޝީދާއި އަދި ގާސިމްގެ އެޑްވައިޒަރ ހަސަން މުގުނީ އެވެ. މި ދަތުރުގައި ޖޭޕީގެ ކައުންސިލް މެމްބަރުންނާއި ގާސިމް އަށް ތާއިދުކުރައްވާ، ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އައްޑުއަތޮޅުގެ އެކިރަށްރަށަށް ނިސްބަތްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ދެކުނު ކެމްޕެއިން ޓީމުން ބުނި ގޮތުގައި ކެމްޕެއިން ޓީމުތައް އައްޑޫއަތޮޅަށް ޒިޔާރަތްކޮށް ރަށްރަށުގައި ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި ގާސިމަށް ތާއީދު ކުރާ މީހުންނާ އެކު ވަނީ ކެމްޕެއިން ހަރަކާތްތަކެއް ހިންގައިފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމާއި ރަށްރަށުގައި ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލު ކުރުން ފަދަ ހަރަކާތްތައް ހިންގާފައިވާ ކަމަށް ޖޭޕީގެ ދެކުނު ކެމްޕެއިން ޓީމުން ބުނެފައިވެއެވެ. މި ބައްދަލުވުންތަކުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ކަން ވެސް ކުރައްވާ ގާސިމްގެ މެނިފެސްޓޯ އާއި ރިޔާސީ ވައުދުތަކާއި ގައުމާއި ރައްޔިތުންނާ ގުޅިފައިވާ އެކި ދާއިރާތަކުން އޭނާ ގެންގުޅުއްވާ ތަސައްވުރު ސާފުކޮށްދީ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް ދެކުނު ކެމްޕެއިން ޓީމުން ބުންޏެވެ. އޭގެ އިތުރުން، ގާސިމްގެ ކެމްޕެއިނާ ގުޅެމުންދާ ފަރާތްތަކާ އެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ކުރިއަށް ހުރި ހަރަކާތްތައް ރާވައި އިންތިޒާމު ކުރެވިފައިވާ ކަމަށް ވެސް ދެކުނު ކެމްޕެއިން ޓީމުން ބުނެފައިވެއެވެ. ކެމްޕޭން ޓީމުން ބުނީ މި ދަތުރުން ކުރެވުނު މަސައްކަތުން އާ އުންމީދުތަކެއް އާވެއްޖެ ކަމަށާއި ކާމިޔާބަށްޓަކައި ކުރަން ހުރި އިތުރު މަސައްކަތް ފާހަގަ ކުރެވިފައިވާ ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ