މާލެ: 31°C

ގޭންގްކުށް ހުއްޓުވާ ގާނޫނަށް، އެހެން ދެ ގާނޫނަކުން ހުރަސް އެޅިފައި!

ގޭންގްކުށް ހުއްޓުވާ ގާނޫނަށް، އެހެން ދެ ގާނޫނަކުން ހުރަސް އެޅިފައި!
March 7, 2023
2 ފަހަރު ބަލާފައި
ގޭންގްކުށް ހުއްޓުވާ ގާނޫނަށް، އެހެން ދެ ގާނޫނަކުން ހުރަސް އެޅިފައި!
ދާދި ފަހުން އަމަލުކުރަން ފެށި ޖިނާއީޖ އިޖުރާއަތުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން، ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރުުމުގައި ދަތިތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުުވީ ގޭންގްކޫށްތައް ހުއްޓުވުމުގެ ގާނޫނު އޮތް ގޮތުން، އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދު ޝަރީއަތް ހިންގަން ދަތިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވާ ވިދާޅުވުމުގައި ބުރަދަން ހުރި ނުކުތާ އެއް އެބަ އޮތް ކަމަށެވެ. ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނަށް އަމަލުކުރުމުގައި ބައެއް ކަހަލަ ދަތިތައް އެބަހުރި ކަމަށާއި އެހެންވެ، އެގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ދިމާވެފައި މި އޮތް ކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޭގެ ފަހުން [ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކަރަން ފެށި ފަހުން] ވުޖޫދުވުމާ އަދި ޓެރަރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން، ގޭންގްކުށްތަކާ ބެހޭ ގާނޫނަށް އަމަލުކުރުމުގައި ބައެއް ކަހަލަ ދަތިތައް އެބަހުރި. އެ ގާނުނު އިސްލާހުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދިޔަ އަހަރުން ފެށިގެން ކުރަމުން އެބަ ގެންދަން،" އިމްރާން ވިދާޅުވި އެވެ. ސަރުކާރުން މިއަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކުގެ ތެރޭގައި އެކަމާ ބެހޭ ބިލު ހިމެނޭނެކަމަށާއި އެކަމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ މާ ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ މި މަޖިލީހަށް އަޅުގަނޑު އެ އިސްލާހު ފޮނުވާނަން. އަޅުގަނޑު އެދެން ތިޔަ ބޭފުޅުން ހަމަ ވަރަށް އަވަސްކޮށްދެއްވަން. މިއީ އަޅުގަނޑުމެން އިސްލާހު ގެންނަން ހަމަ ވަރަށް މުހިއްމު ގާނޫނެއް ކަން ފާހަގަކުރަން. އަޅުގަނޑުމެން އެ މަސައްކަތް ހަމަ ވަރަށް ބާރަށް އެބަ ގެންދަން އިރާދަކުރެއްވިއްޔާ. ކުރިން މިދެންނެވި ހެން، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޓެރަރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުތަކާ ހުރެ ފުށު އެރުމަކާއި ބައެއް ކަހަަލަ އިޝޫތައް ނުކުމެގެން މިއުޅެނީ،" އިމްރާން ވިދާޅުވި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޭންގްކުށްތައް ހުއްޓުވުމާ ބެހޭ ގޮތުން މެމްބަރަކު ކުރެއްވި އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާަޅުވީ އެފަދަ ކުށްތައް ހުއްޓުވަން މިހާރު އާ ޕްލޭނެއް ހަދާފައިވާ ކަމަށާއި ވަރަށް އަަވަހަށް ނަތީޖާ ފެންނާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ