މާލެ: 31°C
ގައިދީން އުފުލާ ލޯންޗު ހަލާކުވެ، މިއަދަށް ތާވަލްކުރި ނައީމާގެ މަރުގެ އަޑުއެހުން ކެންސަލް

ގައިދީން އުފުލާ ލޯންޗު ހަލާކުވެ، މިއަދަށް ތާވަލްކުރި ނައީމާގެ މަރުގެ އަޑުއެހުން ކެންސަލް

January 25, 2024
3 ފަހަރު ބަލާފައި
ގައިދީން އުފުލާ ލޯންޗު ހަލާކުވެ، މިއަދަށް ތާވަލްކުރި ނައީމާގެ މަރުގެ އަޑުއެހުން ކެންސަލް
ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އަހަރު އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގެ މިއަދަށް ތާވަލު ކުރި އަޑުއެހުންތައް، ގައިދީން އުފުލާ ލޯންޗަށް ދިމާވި މައްސަލައަކާ ގުޅިގެން ކެންސަލް ވެއްޖެ އެވެ. މިއަދު ތާވަލުކޮށްފައި އޮތީ ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ދައުވާކުރި ތިން މީހުންގެ ތެރެއިން އެކެއް ކަމަށްވާ، ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް، 21، ގެ އަޑުއެހުމެކެވެ. މިއީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބާއްވަން އުޅުނު ފުރަތަމަ އަޑުއެހުމެވެ. ނައީމާއި މަރާއި ގުޅިގެން އިތުރު ދެމީހެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، 23 އާއި، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، 21 އެވެ. އެ ތިން މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. މިދިޔަ އޭޕްރީލް 7 ވަނަދުވަހު ނައީމާގެ ހަށިގަނޑުފެނިފައިވަނީ، ބޮޑެތި އަނިޔާތަކަކާއެކު މަރާލާފައި އޮއަވާ އޭނާ ދިރިއުޅުނު އަންނާރުމާގެއިންނެވެ. އެ މައްސަލައިގައި ބޮޑެތި ތަހުގީގުތަކެއްކޮށް ގިނަބައެއްގެ ސާމްޕަލް ނަގާފައި ވީނަމަވެސް، މީހަކު ހައްޔަރުނުކޮށް ގިނަދުވަސްތަކެެއްވިއެވެ. އެމައްސަލާގައި ހިމެނޭ އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކުރީ މަސްތުވާތަކެތިގެ މައްސަލައެއްގައެވެ. އެތަހުގީގުގެތެރެއިން އޭނާވަނީ ނައީމާގެ މަރުގައި ބައިވެރިވިކަމަށް އެއްބަސްވެ ތަހުގީގަށް މައުލޫމާތު ދީފަ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ