މާލެ: 31°C
ގާދިއްފުށީ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކޮށްފި

ގާދިއްފުށީ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކޮށްފި

February 8, 2024
3 ފަހަރު ބަލާފައި
ގާދިއްފުށީ ކައުންސިލުން ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ތ. ގާދިއްފުށީ ފެނަކަ އޮފީސް އިމާރާތުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް ހިއްސާކުރައްވާފައެވެ. އެގޮތުން ސްކޫލުގެ އިމާރާތާއި، ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ފާހަގަކުރަވައި އެކަންކަން ޙައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބިމުގެ ދަތިކަމާއި، ރަށުގެ ނެރު ފުންކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާކު، ރަށުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފެށުމަށް ބޭނުންވާކަމަށާއި، ރަށުގައި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް ޞިއްޙީ މަރުކަޒުން ލިބޭ ހިދުމަތްތައް ތަރައްގީކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ގާދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ރަށުގައި ފަށާފައިހުރި މަޝްރޫއުތައް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މިހާރު ހުއްޓިފައިހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތްވެސް ހަލުވި ކުރެެއްވުމުގެ އިތުރަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ