މާލެ: 31°C
ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމު ކަންކަން ރައީސް އާ ހިއްސާކޮށްފި

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމު ކަންކަން ރައީސް އާ ހިއްސާކޮށްފި

February 19, 2024
3 ފަހަރު ބަލާފައި
ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމު ކަންކަން ރައީސް އާ ހިއްސާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެސިޓީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުންއޮތީ ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމާއެކު އެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމާއި ދެންހުރި މަގުތައްވެސް ހެދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީގައި ތަރައްގީކުރާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އެދޭކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ސިޓީ ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އައު ހޮސްޕިޓަލެއް އެޅުމާއި، މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ހިދުމަތްތައް ފެށިގެންދިއުމަށް އެދުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީގެ ފަރާތުންވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސްއާ ހިއްސާ ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ކަރަންޓުގެ މައްސަލައާއި އަދި ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށާއި، ހާއްސަކޮށް އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވައުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ފުވައްމުލައް ސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ކުރިން ރައީސް ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ