މާލެ: 31°C

ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

November 6, 2022
2 ފަހަރު ބަލާފައި
ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި
ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި
ސްކޫލް ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުން ތަކަކަށް ހެދުމަށް ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 90 ވަނަ ކޭމްޕު ފުވައްމުލަކު ސިޓީގެ މުހައްްމަދު ޖަމާލުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. މި މަހު 3 އިން 5 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ތަފާތު އެކި ހާލަތްތަކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ހެދުމާ އަދި އިސްލާމްދީނުގެ އަގީދާގައި ސާބިތު ކަމާއެކު ހިފަހައްޓާ ދަރިވަރުންތަކަކަށް ހެދުމަށް މި ކޭމްޕުގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ގައުމުގެ ދެކެ ލޯބިވާ، ގައުމަށް ތެދުވެރި ވަފާތެރި، އަދި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމަށްވެސް މި ކޭމްޕުގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް ތައާރަފުކޮށްދީ ގަޑިންގަޑިއަށް ކަންކަން ކުރުމަށާއި، ކުލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ސަމާލުކަންދިނުމާއި ޒިންމާދާރުކަން އަދި މީހުންނަށް އިހުތިރާމުކުރުމާއި ތެދުވެރިކަން އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ކުޅިވަރުގެ ތެރެއިން ޓީމް ބިލްޑިންގ އުނގަންނައިދިނުމާއި، ސައިބަރ ކްރައިމް އަދި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކަންކަމުން ރައްކާތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކުށުގެ މާހައުލުން ރައްކާތެރިކުރުވުމާއި މަގުމަތީގެ ގަވާއިދުތަކާއި، ނަފްސު ތަންފީޒުކުރުން ފަދަ މުހިންމު މައުލޫމާތުތައް އުނގަންނައިދީފައިވެއެވެ.ކޭމްފުގެ ތެރެއިން ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ބެލެނިވެރިކަމުގެ ހުނަރުތަކާއި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ކުދިން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސާމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުން ކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، ފޯނަށް އަންނަ ތަފާތު އެކި ލިންކުތަކަށް ނުވަނުމަށާއި ކުށުގެ އެއްވެސް ކަމެއް ހިނގައިފިނަމަ އެކަމެއް ލަސްނުކޮށް ރިޕޯޓު ކުރުމަށާއި ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައިވެއެވެ. ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕުގައި އިންސްޓަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވީ މިފަދަ ކޭމްޕުތައް ހިންގުމުގެ ތަޖުރިބާ ހުރި ފުލުހުންނެވެ. މި ކޭމްޕުގައި މުހައްމަދު ޖަމާލުއްދީން ސްކޫލުން 64 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުން ހިމެނޭހެން 126 ދަރިވަރުން ބައިވެރިވިއެވެ. ކޭމްޕު ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤްއެވެ. މި ރަސްމިއްޔާތުގައި، މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު، ކްރައިމް ޕްރިވެންޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމްޒީގެ އިތުރުން ކޭމްޕުގެ މުދައްރިބުންނާއި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ