މާލެ: 31°C
ފުރަތަމަ، ހިލޭ މެޑިކަލް ޗެކަޕް ހެދެނީ 50 އަހަރުން މަތީގެ މީހުންނަށް

ފުރަތަމަ، ހިލޭ މެޑިކަލް ޗެކަޕް ހެދެނީ 50 އަހަރުން މަތީގެ މީހުންނަށް

January 1, 2024
2 ފަހަރު ބަލާފައި
ފުރަތަމަ، ހިލޭ މެޑިކަލް ޗެކަޕް ހެދެނީ 50 އަހަރުން މަތީގެ މީހުންނަށް
މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފިއެވެ. މިއަދު މެޑިކަލް ޗެކަޕްހަދަން ފަށާފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އަދި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް އެ ހިދުމަތް ދޭން ފަށާނީ 1 އޭޕްރިލް 2024 ގައެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް  ފެށޭނީ 1 ޖުލައި 2024 ގައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީި މިޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަގާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ. "މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެ،" ހީނާ ވިދާޅުވިއެވެ. އާސަންދަ އިން ބުނީ ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް 6 މަސްފަހުން އަހަރުތެރޭގައި 2 ވަނަ ފަހަރަށް އެހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ހިލޭ މެޑިކަލް ޗެކަޕް ހެދޭ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ. އެތަންތަނަށް ގުޅައި މެޑިކަލް ޗެކަޕް ހެދުމަށް ނަންނޯޓު ކުރުމުން އެ ހިދުމަތް ލިބިގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ