ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމަށް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ. އަދި އިފްޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެންއެވެ. މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭ ފަހުމުނާމާގެ ދަށުން އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. "އަޅުގަނޑުމެން ލަފާ މިކުރަނީ 4 މަސް ދުވަސް ނުވަތަ 5 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް. އެއާއިއެކުގައި އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގެ ފައިނޭންޝަލް ސެންޓަރ ބިލްޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ." ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެއެވެ. އެގޮތުން އެރަށުގައި ޤާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިފްޒާގެ ޚަރަދުގައި ކުރެވޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ތެރެއިން އިފްޒާގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއި ވިދާޅުވެއެވެ. މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިފްޒާ ކުންފުނީގެ ޗެއަރމަން މާޓިން ގްރެގާސް ޕެޑެސެން ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން އިންވެސްޓަރުންނާއެކު މަސައްކަތްކޮށްގެން އިފްޒާގެ ފަރާތުން ރާއްޖެއަށް ގިނަ އިންވެސްޓްމެންޓުތަކެއް ހޯދައި ދެވޭނެ ކަމަށެވެ. އިފްޒާއާއި ހަވާލުކޮށްގެން ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް މާލީ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދުމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅާއި އެއްގޮތަށެވެ. މިއާއެކު ކުރިމަގުގައި ރާއްޖެއަކީ ވިޔަފާރީގެ ގޮތުންނާއި މާލީގޮތުން ކުރިއަރައި އިންވެސްޓަރުންގެ މެދުގައި މަޤްބޫލު ޤައުމަކަށް ވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.







