މާލެ: 31°C
ފުނަދޫގެ ބިން ހިއްކުމާއި އެއާޕޯޓްގެ ރަންވޭ ބޮޑުކޮށްދޭނަން: ރައީސް

ފުނަދޫގެ ބިން ހިއްކުމާއި އެއާޕޯޓްގެ ރަންވޭ ބޮޑުކޮށްދޭނަން: ރައީސް

February 28, 2024
3 ފަހަރު ބަލާފައި
ފުނަދޫގެ ބިން ހިއްކުމާއި އެއާޕޯޓްގެ ރަންވޭ ބޮޑުކޮށްދޭނަން: ރައީސް
ށ. ފުނަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި  ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް ބޮޑުކޮށް ހިދުމަތް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އެއަރޕޯޓުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްވެސް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއަރޕޯޓްގެ ޖާގަ އިތުރުކުރުމާއި ހިދުމަތް ރަނގަޅު ކުރުމާއި ފްލައިޓްތައް އިތުރު ކުރުމުގެ މަސައްކަތް އެބައޮތް، ރަންވޭގެ ދިގުމިން އިތުރު ކުރުމަށް ވެސް އެބައޮތް، ރައްޔިތުން އެދޭ ގޮތަށް އެއަރޕޯޓް ތަރައްގީކޮށް ބޮޑުކޮށްދޭނަން." ރައީސް ވިދާޅުވިއެވެ. ށ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޓޫރިޒަމް މަޝްރޫއުތަކާއި އެއާޕޯޓް ތަރައްގީގެ މަޝްރޫއާއެކު އާންމުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. ފުނަދޫގެ ތަރައްީއަށް ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް އިތުރަށް ވިދާޅުވީ، އެންމެ އިސްކަމެއް ދޭ އަނެއް ކަމެއްގެ ގޮތުގައި ހޮސްޕިޓަލްގެ މަސައްކަތް ހިމެނޭ ކަމަށާއި ހޮސްޕިޓަލުގެ ފެންވަރު ހުރިހާ މާނައެއްގައި ވެސް ރަނގަޅުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ސްކޫލްގެ ޖާގަ އިތުރުކުރުމާއި ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭނެ ފެސިލިޓީ ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުން އަދި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. "އެއާޕޯޓް ބޮޑުކޮށް، ބިން އިތުރުކޮށް ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައި މަގުތައް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން މިހިރީ އެކުއެކީގައި އިރާދަކުރެއްވިއްޔާ ގެންދަންޖެހޭ ކަންތައްތައް." އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ