މާލެ: 31°C

ފުލުހުންނަށް ރައްޔިތުންގުގެ އިތުބާރު ހޯދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް: މިނިސްޓަރު

ފުލުހުންނަށް ރައްޔިތުންގުގެ އިތުބާރު ހޯދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް: މިނިސްޓަރު
March 18, 2023
2 ފަހަރު ބަލާފައި
ފުލުހުންނަށް ރައްޔިތުންގުގެ އިތުބާރު ހޯދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް: މިނިސްޓަރު
ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރަން ޖެހިވައި ވަނީ ގޮންޖެހުން ބޮޑު މަަސައްކަތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެ އެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ހޯދުމުގެ މަސައްކަތް ނިޒާމީ ގޮތެއްގައި ކުރަން ޖެހޭ ކަމަށާއި އެއީ ދަތި އުނދަގޫ މަސައްކަތެއް ކަމަށެވެ. އެއީ ވަރަށް ބޮޑަށް ތަރުތީބުކޮށްގެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ދިވެހި ފުލުހުންގެ މުއައްސަސާ، ނުވަތަ ދިވެހި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހުތިރާމާއި ލޯބި ހޯދުމަށް ކުރަން ޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ވަރަށް ތަރުތީބުކުރެވިގެން ކުރަން ޖެހިފައިވާ ދަތި، ގޮންޖެހުން ބޮޑު، އުނދަގޫ މަސައްކަތެއް، އާދެ އެ މަންޒިލަށް ވާސިލުވުމަށް ޓަކައި ދިގު ރާސްތާއެއް ކަޑައްތުކުރަން ޖެހޭ ކަށިތަކުން ފުރިގެންވާ ދިގު މަގެއް،" އިމްރާން ވިދާޅުވި އެެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންނަށް އިތުބާރު ހޯދުމުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ އެ ހަގީގަތް އެނގި ތިބެ، އެ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއި އެކުގަ އެވެ. އެކަމުގައި ސަރުކާރުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިއަދު މިފަށާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ މި ދިގު މަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރަން ނުކުމެ ތިއްބެވި މާލިމީންނަށް، އާދެ ކަމިޝަނާ އޮފް ޕޮލިސް އާ އެމަނިކުފާނުގެ އެގްޒެކެޓިވް ޓީމަށް މަގު ދައްކައިދޭނެ އަލިގަދަ ބައްތިއަކަށް އިރާދަކުރެއްވިއްޔާ މި ކޮންފަރެންސް ވެގެންދާނެ،" އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވި ގޮތުގައި ފުލުހުންނަށް މަގު ދައްކައިދޭން ރާއްޖޭގައި ރިސާޗްގެ މަސައްކަތެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ. މިއަދު ފެށި ކޮންފަރެންސާ ހަމައަށް އާދެވުނީ ޕޮލިސް ބޯޑުގެ އިސްނެގުމަކަށް ހޯމް މިނިސްޓްރީއާއި ފުލުހުން ގުޅިގެން އަހަރެއްހާ ދުވަސް ވަންދެން ކުރި ގިނަ މަޝްވަރާތަކަކާއި މަސައްކަތްތަކަަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ދިރާސާތައް ކުރައްވާ ގާބިލު ބޭފުޅުންގެ ވަރަށް ބޮޑު އެހީތެރިކަމެއް އެކަމަށް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއަދު ފެށި ކޮންފަރެންސަށް ޖުމްލަ 10 ފަރާތަކުން ދިރާސާތައް ހުށަހެޅި އެވެ. އެ ކޮންފަރެންސްގައި މިއަދު އޮންނީ ދިރާސާތަކަށް މަޝްވަރާކުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ