މާލެ: 31°C
ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މާރޗްމަހުން ފެށިގެން ބޮޑުކުރަނީ

ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މާރޗްމަހުން ފެށިގެން ބޮޑުކުރަނީ

February 23, 2024
4 ފަހަރު ބަލާފައި
ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މާރޗްމަހުން ފެށިގެން ބޮޑުކުރަނީ
ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މާރޗްމަހުން ފެށިގެން ބޮޑުކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، 'އަހާ' ސިލްސިލާގެ ފޯރަމުގައި މިރޭ ފުލުހުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މާރޗްމަހުން ފެށިގެން ބޮޑުކުރާނޭކަމަށެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ނިންމައި، އެ އިދާރާތަކަށް ޕޭ ކޮމިޝަނުން ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި އޮތީ މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށެވެ. ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާނޭކަމަށް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ބ.އަތޮޅު ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައެވެ. އޭގެކުރިން ރައީސް ޑރ.މުއިއްޒުވެސް ވަނީ ރިޔާސީ ކެމްޕެއިންތެރޭ ސެޕްޓެމްބަރުމަހު އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގައި ސިފައިންނާ ފުލުހުންގެ މުސާރަ ބޮޑުކުރައްވާނޭކަމަށް ވައުދުވެ ވަޑައިގެންފައެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރާނޭކަމަށް ރައީސް ވިދާޅުވިނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނޭކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓި، ކުރިން ރާވާފައިވާގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނޭ ކަމަށް ސަރުކާރުން މިހާރު އަންނަނީ ބުނަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ