މާލެ: 31°C

ފުލުހުންގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން އެބައޮތް: ރައީސް ސޯލިހު

January 15, 2023
2 ފަހަރު ބަލާފައި
ފުލުހުންގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން އެބައޮތް: ރައީސް ސޯލިހު
ފުލުހުންގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން އެބައޮތް: ރައީސް ސޯލިހު
ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނަ އިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ދީނީފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ޚާއްޞަ ގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވައި އެމަނިކުފާނު ވިދާޅުވީ، އެގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި ކަމަށާއި، އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ތަޙްނިޔާ ވިދާޅުވެ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. މިޖަލްސާގައި، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ