ފުލުހުންގެ ފަރުވާކުޑަ އަމަލެއްގެ ސަބަބުން ގައުމަށް ކިލަނބު ކަމެއް އަތުވެދާނެ ކަމަށް ވިސްނަންޖެހޭ: ހަޔަރ އެޑިކޭޝަން މިނިސްޓަރު

ފުލުހުންގެ ފަރުވާކުޑަ އަމަލެއްގެ ސަބަބުން ގައުމަށް ކިލަނބު ކަމެއް އަތުވެދާނެ ކަމަށް ވިސްނަންޖެހޭ: ހަޔަރ އެޑިކޭޝަން މިނިސްޓަރު
ލިޔުން:
ފުލުހުންގެ ފަރުވާކުޑަ އަމަލެއްގެ ސަބަބުން ގައުމަށާއި މުއައްސަސާއަށް ކިލަނބުކަމެއް އަތުވެދާނެކަމަށް އަބަދުވެސް ވިސްނަންޖެހޭކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ޑރ. ހަސަން މިހެން ވިދާޅުވީ، ފާއިތުވި އަހަރު ފުލުހުންގެ ހިދުމަތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކާއި ފުލުހުންގެ ހިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި ތާއީދު ފުލުހުންނަށް ލިބޭނީ ނަމޫނާ ބަޔަކަށް ވެގެންކަމާއި ފުލުހުންގެ މުއައްސަސާގެ ރީތި ނަމާއި ގަދަރު ހިިފެހެއްޓޭނީ ފުލުހުން ނަމޫނާ ބަޔަކަށްވެގެން ކަމަށެވެ. އަދި އެކާވީސްވަނަ ގަރުނުގައި ފުލުހުންނަކީ، ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ މިނިވަންކަމާއި ހައްގުތައް ވަރަށް ރަނގަޅަށް އޮޅުންފިލާފައި ތިބި ބަޔަކަށް ވާންޖެހޭކަމަށާއި، އެ ހައްގުތަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް އަމަލެއް ފުލުހެއްގެ ކިބައިން ފެނިގެން ނުވާނެކަމަށެވެ. ފުލުހުންނަކީ އެއްވެސް ގިންތިއަކަށް ނުވަތަ އެއްވެސް ފަންތިއަކަށް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސާބިތުކަމާއެކު ތިބޭ ބައެއް ކަމުގައި ވާންޖެހޭކަމަށް ވެސް ޑރ. ހަސަން ވިދާޅުވިއެވެ. އަދި ހަމައެހެންމެ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމުގެ ގާބިލުކަމާއި ޖޯޝު ހުރި ބަޔަކަށް ފުލުހުން ވާންޖެހޭކަމަށް ވިދަޅުވިއެވެ.
މީގެ އިތުރުން، ޑރ. ހަސަން ވިދާޅުވީ އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސަސް ދެނެގަނެ އެއިން ފިލާވަޅުތައް ލިބިގަނެ، ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭރަށް ދިވެހި ފުލުހުން އިލްމާއި ހުނަރުހުރި ބަޔަކަށް ވާންޖެހޭކަމަށާއި. ޒަމާނީ އާލާތްތައް ބޭނުންކޮށް ތަފާތު އުކުޅުތަކަށް އާދަވެފައިވާ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލުމުގެ ކުޅަދާނަކަން ލިބި އިހުތިރާމުލިބިގެންވާ ބަޔަކު ކަމުގައިވެސް ފުލުހުން ވާންޖެހޭކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
އަދި ކޮންމެ ފުލުހަކީވެސް ފުލުހުންގެ ހިދުމަތާމެދު ފަހުރުވެރިވާންޖެހޭ މީހެއް ކަމަށާއި ފުލުހެއްގެ ވަޒީފާއަދާކުރަން އެ ލިބޭ ފުރުސަތަކީ ޝަރަފެއްކަމާއި އެ ޝަރަފަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ޑރ. ހަސަން ވަނީ ވިދާޅުވެފައެވެ. އަދިހަމަ އެހެންމެ އޭނާ ވިދާޅުވީ، ދިވެހި ފުލުހުންގެ ޔުނީފޯމް އެޅުމަށްފަހު ތިމާ ކޮންމެ ތަނެއްގައ ހުއްޓަސް ޔުނީފޯމުގައި ހުއްޓަސް ނެތަސް ތިމާއަކީ ފުލުހެއްކަން ހަނދާންކޮށް ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި ފަސްޖެހިގެންނުވާނެކަމަށެވެ. އަދި ކޮންމެ ފުލުހަކީވެސް ރިވެތި ބަސްމަގަކުން މުއާމަލާތުކުރާނެ ފުލުހަކަށްވުމަށާއި އެހެން މީހުންނަށް އިހުތިރާމުކުރުމަށް އާދަވެފައިވާ ފުލުހަކަށްވުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނޭ ބަޔަކު ކަމުގައި އެންމެ ކުރީ ސަފުގައި ފުލުހުން ތިބުމަކީ ރައްޔިތުން އެދޭ އެދުމެއް ކަމުގައި ވެސް ޑރ، ހަސަން ވިދާޅުވިއެވެ.
މި ހަފުލާގައި، ފާއިތުވި 2022 ވަނަ އަހަރު ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އެގޮތުން، ކުންފުނިތަކާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ހިމެނޭހެން 20 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށްވެސް މި ރަސްމިޔާތުގައި ހަނދާނީލިޔުންދީފައިވެއެވެ. އެގޮތުން، މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، އަމިއްލައަށް އިސްނަގައިގެން ޚިދުމަތްކޮށްފައިވާ 20 މުވައްޒަފުންނާއި ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 11 މުވައްޒަފުންނަށް ހަނދާނީ ލިޔުންދީފައިވެއެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ކާމިޔާބު ކުރުުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 13 މުވައްޒަފުންނަށް އަދި އެއްވެސް ފަސްޖެހުމެއްނެތި ރަސްމީ ޑިއުޓީ އަދާކުރުމުގައި ތެރޭގައި އަނިޔާލިބިފައިވާ މުވައްޒަފަކަށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
