ދައުލަތުން ހުށަހެޅި ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ސަބަބެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރި ނުކުތާއަކީ، ހެކި ހުށަހެޅި ސަބަބުތަކާއި އެ ހެކި މެދުވެރިކޮށް ސާބިތުކުރާން އޮތް ކަންކަމާއި ދައުވާތަކާ ގުޅުމެއް ނެތް ކަމެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޔާމީންގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރަން ޖެހޭ ވަރުގެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
އެގޮތަށް ހުކުމްކުރީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.







