މާލެ: 31°C

ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން 12 ގަޑިއިރު ފަހުން ނިންމާލައިފި

ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން 12 ގަޑިއިރު ފަހުން ނިންމާލައިފި
June 12, 2023
2 ފަހަރު ބަލާފައި
ފުއްގިރި މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން 12 ގަޑިއިރު ފަހުން ނިންމާލައިފި
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި 12 ގަޑި އިރު ފަހުން ނިންމާ ލައިފިއެވެ. ހެނދުނު 9 ޖެހި އިރުން ފެށިގެން މިއަޑު އެހުން މިރޭ 10 ޖެހުމާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދަށު ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. މި މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާކޮށްފައިވަނީ އަހުމަދު ކްރިކް ރިޒާއާއި ސަންގެ ދެ ކުންފުނީގެ މައްޗަށެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ. މިއަދުގެ ޝަރީއަތުގެ އަޑު އެހުމުގައި ތާވަލު ކޮށްފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާ ދެބޭފުޅުންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު މެނދުރު ފަހު ޒިޔަތުގެ ހެކިބަސް ނަގާފައިވާ އިރު މިރޭ ކުރިޔަށް ދިޔައީ އަދީބު ގެ ހެކިބަސް ނެގުމެވެ. ޝަރީއަތުގެ އަޑު އެހުމުގައި ހެކިބަސް ނެގުމަށް ދައުލަތުން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، ކްރިކް ރިޒާއާ ބައްދަލުކޮށް އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ފުއްގިރި ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އަދީބުގެ އެންގެވުމަކަށް ކަމަށެވެ. ޒިޔަތު ވިދާޅުވީ، އިިންވެސްޓަރާ ވާހަކަ ދައްކަމުން އައީ އެމްއެމްޕީއާރުސީން ނޫން ކަމަށާއި، ، މިނިސްޓްރީގެ ފަރާތުން ބަޔަކަށް ޕްރޮޕޯޒްކުރީ ކަމަށެވެ. އަދި މިނިސްޓަރު އަދީބު އެންގެވީ ރައީސް ޔާމީން ގެ ވެސް ބައިވެރި ވުމެއް އޮތްކަމެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ. ޒިޔަތު ވިދާޅުވި ގޮތުގައި ރަށް ދޫކުރުމުގެ މުއާމަލާތްތަކުގައި ބައިވެރިވީ ކްރިކް ރިޒާ އެވެ. ފުރަތަމަ އެމްއެމްޕީއާރުސީން 2.5 މިލިއަން ޑޮލަރަށް ހުށަހެޅި ނަމަވެސް ރިޒާ އެދުނީ ހަތަރު ލައްކަ ޑޮލަރަށް ދޫކުރުމަށް ކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި ފަހުން އަދީބު އަންގަވައިގެން 1.55 މިލިއަން ޑޮލަރަށް ދޫކުރީ ކަމަށް ވެސް ޒިޔަތު ވިދާލުވިއެވެ. އޭގެ އިތުރަށް ކްރިކް ރިޒާ އެދިގެން ކުއްޔަށް ރަށް ދޫކުރުމުގެ އެއްބަސްވުން ސޮއިނުކޮށް ލަސް ވެސް ކުރި ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެއީ ރިޒާއަށް ލިބޭ ޕޭމަންޓެއް ލަސްވެގެން އަދި އެ ޕޭމަންޓްގެ ތެރޭގައި ޔާމީނަށް ލިބޭ ކޮމިޝަނެއް ވެސް ހިމެނޭތީ ކަމަށް އަދީބާ ހަވާލާދީ، ޒިޔަތު ވިދާޅުވި އެވެ. ރަށް ދިނުން އަވަސް ކޮށްދިނުމަށް އެދިވަޑައިގެން ޔާމީން މެސެޖެއް ވެސް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޒިޔަތާ ސުވާލު ކުރުމަށް ސީދާ ރައީސް ޔާމީން ފުރުސަތަކަށް އެދުނެވެ. އެ ފުރުސަތުގައި ރައީސް ޔާމީން ޒިޔަތު އަށް މައިގަނޑު ގޮތެއްގައި ކުރެއްވި ސުވާލަކީ އަދީބާއި ޒިޔަތާ ދެމެދު އޮތް ގާތް ގުޅުމާއި، އަދީބުގެ ވާހަކަތައް ޒިޔަތު ޔަގީންކުރައްވަނީ ކިހާވަރަކަށްތޯ އެވެ.

ޖަވާބުގައި ޒިޔަތު ވިދާޅުވީ، އަދީބާ ދެމެދު އެކުވެރި ގުޅުމެއް އޮންނަތާ މިހާރު 20 އަހަރު ދުވަސްވެއްޖެ ކަމަށާއި އަދި ދުވަހަކު ވެސް އަދީބު ހިއްސާކުރައްވާ ވާހަކަތައް އިތުރަށް ޔަގީން ކުރައްވަން ކަމެއް ނުކުރައްވާ ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީނާ ހަވާލާދީ ދައްކަވާ ވާހަކަ ވެސް ޔަގީން ނުކުރައްވާ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

އަދީބު ގެ ހެކިބަސް ނެގުމަށް ދައުލަތުން މިރޭ ކުރިޔަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ކުރާ ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ، ފުއްގިރި ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ އެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވަން މަސައްކަތް ކުރެއްވި "ކޮމިޝަން" އެމަނިކުފާނަށް ލިބޭކަން ކަށަވަރު ކުރެއްވުމަށް ފަހު ކަމަށެވެ. އަދީބު ވިދާޅުވީ، ފުއްގިރި ކުއްޔަށް ދޫކުރުމަށް ދުބާއީ ކުންފުންޏެއް ހިންގުމުގައި އިސްކޮށް އުޅުއްވާ އިންޑިއާ ބަޔަކާ ބައްދަލުކުރެއްވީ ވެސް ރައީސް ޔާމީންގެ އެންގެވުމަކަށް ކަމަށެވެ. ވ. އާރަށް ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ