މާލެ: 31°C

ފުއްގިރި މައްސަލަ ހަފްތާއަކަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ފުއްގިރި މައްސަލަ ހަފްތާއަކަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
May 7, 2023
2 ފަހަރު ބަލާފައި
ފުއްގިރި މައްސަލަ ހަފްތާއަކަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާ ކުރިމިނަލް ކޯޓުން މަޑުޖައްސައިލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަންގާފައިވަނީ، އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނީ، ޝަރީއަތް އަވަސް ކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއް ކަމަށާއި، އަދި ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ގެއްލޭނެ ހައްގެއް ނެތް ކަމަށެވެ. ރައްދުގައި ވާހަކަފުޅުދައްކަވަމުން ޔާމީން ތަކުރާރުކޮށް ފާހަގަ ކުރައްވާ ވިދާޅުވީ އެ މައްސަލަ އަވަސް ކުރަން ދަށު ކޯޓުން އުޅޭ ގޮތުން ތައްޔާރު ނުވެވޭ ކަމަށާއި، ހެކިވެރިންނާ ސުވާލުކުރައްވަން ތައްޔާރުވެވަޑައިގަތުމަށް ވަކީލުންނާވެސް ބައްދަލުކުރެއްވުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށެވެ. "އަޅުގަނޑަކީ ގައިދީއެއް. އަޅުގަނޑަކަށް ނުލިބޭ މައްސަލަ އަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތެއް،" ޔާމީން ވިދާޅުވި އެވެ. ޔާމީންގެ އިތުރުން، ސްޕްރީމްކޯޓުގައި މި މައްސަލައާ ގުޅިގެން، އަހްމަދު ކުރިކު ރިޒާގެ ފަރާތުން ވަކީލު ހަމްޒާ ލަތީފް ވެސް ފާހަގަ ކުރެއްވީ ކްރިމިނަލް ކޯޓުން ވަކިން ހާއްސަ ގޮތެއްގައި މިމައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާ ކަމެވެ. އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ރިޒާގެ ވަކީލު ހަމްޒާ ވިދާޅުވީ، މައްސަލާގައި ހެކިބަސް ނެގުން އަވަސް އަރުވާލައިގެން ގެންދާއިރު، ކުރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަން ދިމާވުމުން ކޮންމެ ދުވަހަކު ޤާޟީންނަށް މައްސަލަތައް ނުބޭއްވޭކަމަށް އަންގާފައިވާ ކަމަށާއި، އެހެން ނަމަވެސް ފުއްގިރި މައްސަލަ ބޭއްވުމުގައި އެއްވެސް ދަތިކަމެއް ދިމާނުވެ ބަރާބަރަށް ދުވަހުން ދުވަހަށް މައްސަލަ ބޭއްވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށެވެ. އެކަން އަންގަން ޖެހޭ ފަރާތްތަކަށް ލިޔުމުން އަންގަވާނެ ކަމަށް  ރިޔާސަތުގެ ބެންޗްގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ފުއްގިރި މައްސަލާގެ ހެކިބަސް ނެގުން މާދަމާ ހެނދުނު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އޮތީ ތާވަލް ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ