މާލެ: 31°C

ފްރެންޑްސް މާޓް 2 ވަނަ ޤުރްއާން މުބާރާތުން 1 ވަނަ އައިޝަތު ލައިބާ ސައިފް ހޯދައިފި

ފްރެންޑްސް މާޓް 2 ވަނަ ޤުރްއާން މުބާރާތުން 1 ވަނަ އައިޝަތު ލައިބާ ސައިފް ހޯދައިފި
April 19, 2023
3 ފަހަރު ބަލާފައި
ފްރެންޑްސް މާޓް 2 ވަނަ ޤުރްއާން މުބާރާތުން 1 ވަނަ އައިޝަތު ލައިބާ ސައިފް ހޯދައިފި
ތ.މަޑިފުށީ ފްރެންޑްސް މާޓުން އިންތިޒާމްކޮށްގެން ބޭއްވި 2 ވަނަ ޤުރްއާން މުބާރާތުން 1 ވަނަ ނ.މަނަދޫ ފެމޯރާގެ އައިޝަތު ލައިބާ ޝައިފް ހޯދައިފިއެވެ. މިމަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މަޑިފުށި ކައުންސިލްގެ ރައީސްއަޙްމަދު ނަސީތެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ބައިވެރިންނަށް ހަނދާނީލިޔުމާއި، ޓްރޮފީގެ އިތުރުން ފައިސާގެ އިނާމް ވެސް ވަނީ ދީފައެވެ. މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން ކޮންމެ އުމުރު ފުރާއަކުން އެންމެ މޮޅު 3 ކުދިން ހޮވިއިރު 5 އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ ގަދަ 10 ކުދިން ވަނީ ހޮވާފައެވެ. އަދި މުޅި މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިންނާ އަދި ނުބަލައި ކިޔުމުގެ ގޮފިން އެންމެ މޮޅު 3 ކުދިން ހޮވިިއިރު ތަރުންނަމުލް ބައިންވެސް އެންމެ މޮޅު 3 ބައިވެރިން ވަނީ ހޮވާފައެވެ. މުޅި މުބާރާތުން 1 ވަނަ ނ.މަނަދޫ ފެމޯރާގެ އައިޝަތު ލައިބާ ޝައިފް ހޯދިއިރު މުޅި މުބާރާތުން 2 ވަނަ ހޯދީ  ތ. މަޑިފުށި އޯކޭ އައިޝަތު ރީޝް އަސްލަޙްއެވެ. އަދި މުޅި މުބާރާތުން 3 ވަނަ ހޯދީ ތ. މަޑިފުށީ ވިނަރެސް ޝަނަމް ބިންތު އަޙްމަދު ޒިޔާމެވެ. މީގެ އިތުރުން ތ. މަޑިފުށީގައި ކީރިތި ޤުރްއާނުގެ އިލްމު އުނގަންނައި ދިނުމަށް މަސައްކަތް ކޮށްދެއްވަމުންދާ ފަރާތަކަށް، މަޑިފުށި ފްރެންޑްސް މާޓް ފިހާރައިގެ ފަރާތުންވަނީ ހާއްސަ ހަނދާނީ ފިލައެއް ދީފައެވެ. މި ހަނދާނީ ފިލާ ލިބިފައިވަނީ މަޑިފުށި ޕެންޒީމާގޭ، ޒުހުރާ އަބްދުލް ޢާދިރަށެވެ.   މި މުބާރާތަކީ މަޑިފުށީގައި ފްރެންޑްސް މާޓް ފިހާރައިން އިސްނަގައިގެން ރޯދަމަހަށް ހާއްސަކޮށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިޔަށް ގެނދިޔަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި 102 ބައިވެރިން ބައިވެރިވިއެވެ. މި މުބާރާތަކީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރަތެއް ކަމުން ބައެއް އަތޮޅުތަކުގެ ރަށްތަކުން މި މުބާރާތަށް ބައިވެރިން މަޑިފުށްޓަށް އައިސް މުބާރާތުގައި ކިޔަވާފައިވާކަމީ މުބާރާތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފްރެންޑްސް މާޓްއިން ބުނެއެވެ. ފްރެންޑްސް މާޓުން ބުނީ މުބާރާތުގެ މަޤްޞަދަކީ، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުންކަމަށާއި، ކީރިތި ޤުރްއާން ހިތުދަސް ކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުން ކަމަށެވެ. އަދި މީގެ އިތުރުން ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުން ކަމަވެސް ފްރެންޑްސް މާޓުން ވަނީ ބުނެފައެވެ. މިއީ މަޑިފުށީގައި ފްރެންޑްސް މާޓް ފިހާރައިން އިސްނަގައިގެން މި މުބާރާތް ބޭއްވުނު 2 ވަނަ ފަހަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ