ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ހުޅުމާލޭގައި ހިންގާފައިވާ 300 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގައި ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ކަމަށާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އޮޑިޓް ރިޕޯޓުންގައި ބުނެފިއެވެ.
ދެހާސް ތޭރަ ވަނަ އަހަރު ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ނޫމަޑި އާ މަޝްރޫއު ހަވާލު ކޮށްފައި ވަނީ ދެ އަހަރުގެ ތެރޭގައި އެ މަޝްރޫޢު ނިންމާ ގޮތަށް ނަމަވެސް ވަކި ހިސާބަކުން އެ މަޝްރޫޢު އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކާ ހަވާލު ކުރުމަށް ފަހު އެ މަސައްކަތް މިހާރު ހަވާލު ކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަނާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން ޕޮލްކޯ އިން ނޫމަޑިއާ އެ މަޝްރޫޢު ހަވާލު ކޮށްފައި ވަނީ ދައުލަތުގެ މަޝްރޫޢުތައް ހިންގުމަށް އޮންނަ ބީލަމުގެ އުސޫލުތަކާ ޚިލާފަށް ކަމަށާއި، އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލު ކޮށްފައި ވަނީ، ސަރުކާރުގެ ގެޒެޓުގައި ބީލަން އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ.
އަދި އޭގެ އިތުރުން ކޮންޓްރެކްޓަރުގެ ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައި ނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެން ފަރާތަކަށް މަސައްކަތް ހަވާލު ކުރަން ޖެހި، މަޝްރޫއުގެ ހަރަދު އިތުރު ވެގެން ގޮސްފައިވާ ކަމަށާއި، އެގޮތުން 2024 ނޮވެމްބަރު 30 ގެ ނިޔަލަށް އެ މަޝްރޫއު އަށް 1.06 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، މި މަޝްރޫއަށް މިހާތަނަށް އިތުރަށް 481 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށާއި، އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކިފަހަރު މަތިން ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވަނީ މި މުއާމަލާތްތަކުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދުމަށް ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން މައްސަލަ ތަހުގީގު ކުރަން އޭސީސީ އާއި ތަހުގީގީ އެހެން އިދާރާތަކަށް ހުށަހަޅަންވެސް އޮޑިޓް ރިޕޯޓް ގައި ލަފާދީފައިވެ އެވެ.
އަދި މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވެގެން ދިޔުމާއި، ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ކޮންޓްރެކްޓަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު، މި ކަންތައްތައް ކުރިއަށް ދިޔައިރު ޕޮލްކޯގެ ބޯޑު އޮފް ޑިރެކްޓަރުން އަދި އިސްވެރިން އަމަލީ ފިޔަވަޅު އަޅާފައި ނުވާތީ، އޭރުގެ ޕޮލްކޯގެ ބޯޑާއި އިސްވެރިން މިކަމުގައި ޒިންމާކުރުވުމަށް ވެސް އޮޑިޓް ރިޕޯޓް ގައި ވަނީ ލަފާދީފަ އެވެ.
މީގެއިތުރުން މި މަޝްރޫއުގެ މަސައްކަތްތަކާ ހަވާލުވެ މަސައްކަތް ނުނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރަން ޖެހުނު ކުންފުނިތަކާއި މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ލަފާދީފަ އެވެ. އަދި ހައުސިން މަޝްރޫއުތައް ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ކަމާގުޅޭ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ.







