ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ހަމަޖެހިފައިވާ 4،000 ފުލެޓް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެއް ކަމަށެވެ.
"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފަރާތަށް ފްލެޓް ލިބިފައިވާ ކަމަށް އާންމުކުރި ދާއިމީ ލިސްޓް ނެރުން ވެގެންދިޔައީ އެތައް ހާސް އާއިލާއަކަށް ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެކަމުގެ ފޮނި އުންމީދަކަށް،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އެކި ސަބަބުތަކާހުރެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ލަސްވެގެން ދިޔުމުން ފްލެޓްތަކުގެ ހައްގުވެރިންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމަށާއި ފްލެޓްގައި ދިރިއުޅެވެންދެން އާމްދަނީގެ ގޮތުގައި ބޮޑު ބައެއް ކުލީގެ ގޮތުގައި ދިރިއުޅޭ ތަނަށް ހަރަދުކުރަންޖެހޭ މީހުން ގިނަ ކަމަށެވެ.
މި މައްސަލައިގައި ފްލެޓްތައް ދީފައިވާ ގޮތާމެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަމުގެ ތަހުގީގެއްވެސް ހިންގާފަ އެވެ.
އީވާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ، އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ފްލެޓްތައް ދޫކުރުމަށާއި ދަތި ހާލުގައި އާއިލާ ބިނާކުރަމުންދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ވީ އެންމެ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ.
މި މަައްސަލައަށް ބަހުސްކުރަން ފާސްވީ ވޯޓު ދެއްވި 24 މެންބަރުންގެ އިއްތިފާގުންނެވެ.







