ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ނިންމާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް، މި ސަރުކާރުން އާންމުކުރި އާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލައިފި އެވެ.
ފެބްރުއަރީ 27 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީން ގެޒެޓްކޮށްފައިވާ ލިސްޓްގައި 3 ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 ފަރާތާއި 2 ކޮޓަރީގެ ފްލެޓަށް 397 ފަރާތަކާއެކު ޖުމްލަ މި ސަރުކާރުން ރިވިއު ކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 31 ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ފޯމު ހުށަހަޅާފައިވާ މީހެއް ނަމަ، އެ މީހެއްގެ ފޯމާ ގުޅޭ ޝަކުވާ "ގެދޮރުވެރިޔާ ޕޯޓަލް" https://app.gedhoruverin.gov.mv މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އެހެން ފަރާތެއްހެ ޝަކުވާއެއް ހުށަހަޅުއްވާނަމަ gedhoruveriya@infrastructure.gov.mv އަށް އީމެއިލް ކުރައްވައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 4004911 އަދި 4004910 އަށް ގުޅޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.







