ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން މިހާތަނަށް 600 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް މިހާތަނަށް ޖުމުލަ 675 ޝަކުވާ ލިބިފައިވާ ކަމަށެވެ. މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ލިސްޓާ ގުޅޭ 452 ޝަކުވާއާއި ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ހައުސިން މިނިސްޓްރީން އާންމު ކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި މިވަގުތު ތިބީ 1،820 މީހުންނެވެ. އެއީ ކުރީ ސަރުކާރުން މި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމަށް ބުނެ ނެރުނު ލިސްޓު އަލުން ބެލުމުން އެ ލިސްޓުގައި ތިބި ޝަރުތު ހަމަނުވާ މީހުންނާއި ޕޮއިންޓަށް ބަދަލު އައުމުން އުނިކުރި މީހުން އުނި ކުރުމަށް ފަހު ލިސްޓުގައި ބާކީ ތިބި މީހުންނެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ 4،000 ފްލެޓުގެ ބާކީ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ބާކީ 15،000 ފޯމްތައް ޗެކް ކުރުމަށް ފަހު ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އާންމު ކުރީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހު އެވެ. ހައުސިން މިނިސްޓްރީން ވަނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 1 މަސް ދުވަސް ދިނުމަށް ނިންމާފަ އެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާއިރު ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ އީމެއިލްއަށް ނުވަތަ އެ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީގެ 4004911 އަދި 4004910 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.







