ކުރީސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލި މީހުން ދޮގު ލިއުން ހުށަހަޅާފައިވާ ކަމަށާއި އެ ލިއުންތައް ދޫކޮށްފައިވާ ކައުންސިލްތަކުގެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.
މާލޭގައި އުޅޭތާ 15 އަހަރުވީ ކަމަށް ޝަރުތު ހަމަވާ ގޮތަށް ބައެއް ރަށްރަށު ކައުންސިލްތަކުން ވަނީ ލިޔުން ދީފައެވެ.
ފްލެޓް ލިސްޓް އާއްމުކުރުމާ އެކު އާއްމުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އޭސީސީން ތަހުގީގުކުރުމަށްފަހު، ބުނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ނުވާ މީހުން ވެސް ފްލެޓް ލިބޭ ލިސްޓުގައި ތިބިކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ، މާލޭގައި އެ މުއްދަތަށް ނޫޅުނު ނަމަވެސް ކައުންސިލުތަކުންނާއި ކުންފުނިތަކުން ވެސް ލިޔުންތައް ހޯދައިފަ އެވެ.
އެގޮތަށް ސައްހަ ނޫން ލިއުން ދިން ކައުންސިލްތަކާއި ކުންފުނިތަކުގެ މައްސަލަ ބަލާނެ ކަމަށް އޭސީސީން ބުނީ، ފްލެޓްތަކުގެ ތަހުގީގާ ގުޅިގެން އާއްމުންގެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރި ބައްދަލުވުމުގަ އެވެ.
އެ މައްސަލަތަށް އޭސީސީއަށް ބެލެން ނެތް ނަމަ އެކަން ޕޮލިހަށް ހުށަހަޅާނެ ކަމަށް ވެސް ސަލާމް ވިދާޅުވި އެވެ.
ފްލެޓް ލިބުނު މީހުންގެ 60 ޕަސެންޓް މީހުންނަކީ އޮޅުވާލައިގެން ފްލެޓް ހޯދި މީހުން ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.







