''ބިންވެރިޔާ'' އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފެއްދި ކޮމެޓީއަށް އިތުރު ތިން މެމްބަރަކު ހަމަޖައްސައިފިއެވެ.
އެ ކޮމިޓީއަށް ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަސް މެމްބަރުން އައްޔަނުކޮށްފައެވެ.
ހައުސިން މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އަލަށް ތިން މެމްބަރަކު އިތުރު ކޮށްފައިވާ ކަމަށެވެ. އެއީ، މައުރޫފް ޖަމީލް އާއި ފާތުމަތު ސައީދާއި އާމިނަތު ޝާއިރާ އެވެ.
ކޮމިޓީގެ ޖުމްލަ މެމްބަރުން
1. އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)
2. އަބްދުލްއަޒީޒް ޔޫސުފް (ކޮމިޓީގެ ވައިސް ޗެއާ)
3. މުހައްމަދު މައުރޫފް ޖަމީލް
4. އަހުމަދު އަލީމަނިކު
5. މަރްޔަމް ފިޒާނާ ރަޝީދު
6. ފާތިމަތު ސައީދު
7. އާމިނަތު ޝާއިރާ
އޭސީސީން ވަނީ ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން ފްލެޓް ދޫކުރުން ހުއްޓުވައި، ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ނިންމާފައެވެ.
އަދި ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމު ކަމަށާއި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެއް ކަމަށް އޭސީސީން ބުނެފައިވެއެވެ.
މި ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރަން ކަމަށެވެ. އެގޮތުން، އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.






