ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ސްޓެލްކޯ އިން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.
މިއަދުންފެށިގެން މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ނެރެފައިވާ ބަޔާނާއި ގުޅިގެން، ސްޓެލްކޯއިން ބުނީ، ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓްއިން ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައި ކަމަށެވެ.
މި ހާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ، އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެވެ.







