ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވަންޖެހޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް އެންވާރަމަންޓް މިނިސްޓަރ ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ތޯރިގު ވިދާޅުވީ އެގޮތަށް އެކަން ކުރަން ނިންމާފައިވަނީ ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި ކަމަށާއި، އެގޮތުން އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް ސަރަޙައްދަކީ ކޮންމެ ދުވަހެއްގައިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ސަރަޙައްދެއް ކަމަށްވެފައި ނަމަވެސް އެ ސަރަޙައްދު ބެލެހެއްޓުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އެދެވޭ ގޮތެއްގައި ބަލެހެއްޓިފައި ނުވާކަމަށެވެ.
މުޅި އަހަރު ތެރޭގައި ވޭލްޝާކް ފެންނަ ތަނަކަށްވާތީ އެތަން ރަނގަޅަށް ޕްރޮޓެކްޓު ކޮށް މެނޭޖު ނުކުރުމުގެ ސަބަބުން ވަރަށް ބައިވަރު ކަންތައްތަކެއް ހިނގާފައިވާކަމަށާއި އެގޮތުން އެއްކަމަކީ ވޭލް ޝާކްއެއް ފެނުމުން އެތަނަކަށް ގޮސް، ވޭލް ޝާކް ފަހަތުން ބައެއް ފަހަރަށް 100 ގެސްޓުންވެސް ގޮސް ފަތާ ހަދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދަށް ވަންނަން ބޭނުންވާ އުޅަނދުތައް ރަޖިސްޓާކޮށް މޮނިޓާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެެވެ. އަދި ފެހުރިހި ބަލަން ގެންދެވޭނީ ހަމައެކަނި އެކަމަށް ތަމްރީނުވެފައި ތިބި ޑައިވަރުންނަށް ކަމަށާއި ގެންދެވޭނީ ފަހަރަކު 5 ފަތުރުވެރިން ކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި ފެހުރިހި އުޅޭ އެހެން ސަރަޙައްދުތަކަށް ވެސް އެތަކެތި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވައިގެން ވަންނަ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ތޯރިގު ވިދާޅުވި އެވެ.







