މާލެ: 31°C
ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓަށް ޗައިނާ އަލުން ހެދުމަށް އެދިވަޑައިގެންފި

ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓަށް ޗައިނާ އަލުން ހެދުމަށް އެދިވަޑައިގެންފި

January 9, 2024
3 ފަހަރު ބަލާފައި
ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓަށް ޗައިނާ އަލުން ހެދުމަށް އެދިވަޑައިގެންފި
ކުރިއެކޭ އެއްގޮތަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހަދައިދިނުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފުޖިއަން ޕްރޮވިންސްގައި ކުރިއަށްދާ "އިންވެސްޓް މޯލްޑިވްސް" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރައީސް މުއިއްޒު ވިދާޅުވީ ކޮވިޑް-19 ގެ އާލަމީ ވަބާގެ ކުރިން ޗައިނާ މާކެޓަކީ އެންމެ ގިނަ އިން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި މާކެޓް ކަމަށެވެ. އަދި އެ މާކެޓް އަލުން އަނބުރާ އެއްވަނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ ކަންކަމުގެ ތެރޭގައި ހޮސްޕިޓާލިޓީ ދާއިރާއިން އެންމެ މަތީ ފަންތީގެ ތަމްރީނުތައް ދޭ ސްކޫލެއް ގާއިމު ކުރުމާއި ކުޅިވަރާއި މެޑިކަލް އަދި ސަގާފީ ޓޫރިޒަމް ފުޅާ ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމަށްފަހު، އަލުން ހުޅުވުމާއެކު ފަތުރުވެރިން އަންނަން ފެށުމުން މިދިޔަ އަހަރު ނިމުނުއިރު ޗައިނާ ވަނީ ރާއްޖޭގެ މާކެޓުގައި ތިން ވަނައަށް އަރާފައެވެ. އެގޮތުން ޗައިނާއިން ފަތުރުވެރިން އައުން މަދުވުމާއެކު، ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އަވައްޓެރި އިންޑިއާ އިންނެވެ. ރާއްޖޭގެ އިގްތިސާދަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަން ޑޮލަރުގައި ހުރިއިރު، 2028 ވަނަ އަހަރު އެ އަދަދު 12 ބިލިއަން ޑޮލަރަށް ގެންދެވުމަަށް މަސައްކަތްޕުޅު ކުރައްވާނެ ކަަމަށެވެ. އަަދި ޕްރައިމަރީ ސެކްޓަރ ކުރިއަރުވަން ޖެހޭ ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިދިޔަ އަހަރު ޗައިނާއިން 187،118 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 10 އިންސައްތައެވެ. ޗައިނާގެ ފުޖިއަންގައި އިންވެސްޓްމެންޓް ފޯރަމް ފަށާފައިވާއިރު، މި ފޯރަމްގައި 300 އަށްވުރެ ގިނަ ވިޔަފާރިތައް ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގެ އެކި ސިނާއަތްތަކާއި ދާއިރާތަކުން އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތާއި ދަތުރުފަތުރާއި ވިޔަފާރިއާ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތުތައް ވަނީ މި ފޯރަމްގައި ފޯރުކޮށްދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ