ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ކޮމިޓީގެ މަސައްކަތް މިއަދުން މިއަދަށް ނިންމައި، ތަޅުމަށް ފޮނުވަން ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަޓޯ، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
މައްސަލަ ބޮޑުވެފައިވާ މި ބިލު ދިރާސާކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އިސްލާހުތަކެއް ހުށަހެޅި އެވެ.
ބިލުގައިވާ ކޮންމެ މާއްދާއަކަށް ކަހަލަ ގޮތަށް އެ ދެ މެންބަރުން ހުށަހެޅި އެއްވެސް އިސްލާހެއް ފާހެއްނުވެ އެވެ. އެންމެ މުހިއްމު ހުށަހެޅުމެއްގެ ގޮތުގައި ނާޒިލް ހުށަހެޅީ ސުޕްރީމް ކޯޓުގެ ބެންޗަށް ދެ ފަނޑިޔާރުން އިތުރުކުރުމަށެވެ. އެއާއެކު ޖުމްލަ ފަނޑިޔާރުންގެ އަދަދު 9 އަށް ބަދަލުކުރުމަށް ހުށަހެޅި އެވެ.
އިދިކޮޅުގެ އެއްވެސް ހުށަހެޅުމެއް ފާސްވެފައިނުވާތީ އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ވަނީ ތަޅުމަށް ފޮނުވަން ބިލު ފާސްކޮށްފަ އެވެ. ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ޕީއެންސީގެ 5 މެންބަރުންގެ ވޯޓުންނެވެ.







