މާލެ: 31°C

އެފްއޭއެމްގެ ކޮންގްރެސް އަންނަ މަހު ބާއްވަނީ

February 17, 2025
118 ފަހަރު ބަލާފައި
އެފްއޭއެމްގެ ކޮންގްރެސް އަންނަ މަހު ބާއްވަނީ
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އެ އެސޯސިއޭޝަނުގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ ސީދާ ތާރީހު އަދި މުޅިން ކަށަވަރު ނުވާ ކަމަށެވެ.

"ޓެންޓޭޓިވް ތާރީހަކީ (މާޗް އަށެއް). މުޅިން ކޮންފާމް ވާނީ ފީފާއިން ވެސް ކޮންފޮމޭޝަން ދިނުމުން،" ޝުޖާއު ވިދާޅުވި އެވެ.

މި ކޮންގްރެސްގައި މިދިޔަ އަހަރުގެ ބަޖެޓް ފާސް ކުރުމާއި ފިޔަވަޅުއަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ ހޮވާނެ އެވެ. އަދި އެފްއޭއެމް އޮޑިޓް ކުރާނެ، އޮޑިޓް ފާމް ކަނޑައެޅުން ވެސް ކޮންގްރެސްގެ އެޖެންޑާގައި ހިމެނުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަސާސީގަވާއިދުގެ މާއްދާއަކަށް އިސްލާހެއް ގެނައުމަށް ވެސް ހިމަނާފައިވާ ކަމަށެވެ. އެ މަސައްކަތް ލީގަލް ޑިޕާޓްމެންޓުން ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އިސްލާހު ގެންނަނީ އަސާސީގަވާއިދުގެ ކޮން މާއްދާއަކަށްކަން އެނގޭނީ ލީގަލް ޑިޕާޓްމެންޓުން އެ މަސައްކަތްކޮށް ނިންމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަސާސީގަވާއިދަށް ބައެއް ބަދަލުތައް ގެނައުމަށް ފީފާއިން ވެސް ވަނީ ހުށަހަޅާފަ އެވެ. ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކޮންގްރެސްއެއް ފަހުން ބާއްވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

ކުރިއަށް އޮތް ކޮންގްރެސްއަކީ، އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމީޓިއަކާ ހަވާލު ކުރި ފަހުން އެ ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ