މާލެ: 31°C

ފަޅުރަށެއްގައި ވެލާ ފެޅި މީހުންނަށް ބޮޑު އަގަކުން ޖޫރިމަނާކޮށްފި

ފަޅުރަށެއްގައި ވެލާ ފެޅި މީހުންނަށް ބޮޑު އަގަކުން ޖޫރިމަނާކޮށްފި
July 11, 2023
2 ފަހަރު ބަލާފައި
ފަޅުރަށެއްގައި ވެލާ ފެޅި މީހުންނަށް ބޮޑު އަގަކުން ޖޫރިމަނާކޮށްފި
ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި ހަތް މީހަކަށް ބޮޑު އަގަކުން ޖޫރިމަނާކޮށްފިއެވެ. އެކަމުގައި ބައިވެރިވި ކޮންމެ މީހަކު އަތުން ޖޫރިމަނާ ކޮށްފައިވަނީ 198،000ރ. އެވެ. އެގޮތުން ހަތް މީހުން ޖުމްލަ 1،386،000 ރުފިޔާ އީޕީއޭއަށް ދައްކަން މިވަނީ އަންގާފައެވެ. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެ މީހުންނަށް ޖޫރިމަނާކުރީ މިދިޔަ މަހުގެ 20 ގައި ކަމަށެވެ. އަދި އެ ފައިސާ ދެއްކުމަށް އެމީހުންނަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އީޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ފަސް ފިރިހެނުންގެ ގުރޫޕަކުން މިދިޔަ ފެބްރުއަރީ މަހު 3 ވަނަ ދުވަހު ފަޅާލާފައިވަނީ ވެލާގެ ވައްތަރެއް ކަމަށްވާ ގްރީން ޓާޓަލްގެ ހަ ވެލައެވެ. އެ ހަބަރު ލިބުމާއެކު ފުލުހުންގެ ޓީމެއް އެރަށަށް ގޮސް ބަލަން ޖެހޭ ކަންކަން ބަލައި މައުލޫމާތު އީޕީއޭއާ ހިއްސާކުރި ކަމަށް ބުނެފައިވެއެވެ. އީޕީއޭން ބުނާގޮތުގައި ވެލާ ކަތިލާ ކެއްކުމުގައި ހަރަކާތްތެރިވެފައި ވަނީ އެ އަތޮޅު ކެންދޫއަށް ނިސްބަތްވާ މީހުންނެވެ. އެ މައްސަލާގައި އެ ހަތް މީހުން ހައްޔަރުކޮށް، އެންމެންގެ ބަޔާން ނެގުމަށް ފަހު ފުލުހުން ވަނީ ދޫކޮށްލައިފައެވެ. ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 2016 ވަނަ އަހަރުގެ އޭޕްރީލް 4 ކުން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައެވެ. އަދި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ