ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ގެނެސްދޭ ފޭކު ނިއުސް ތަކުގެ ސަބަބުންކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ރޭ ގެނެސްދިން "އިގްތިސޯދުގެ ދެ ފަރާތް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދަނީ ބައެއް ނޫސްތަކުން ގެނެސްދޭ "ފޭކު" ނިއުސްތަކާ ގުޅިގެން ކަމަށާއި، އެގޮތުން ހެނދުނު ހޭލާއިރު ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ޑޮލަރުގުގެ އަގު 22 ރުފިޔާ، 23 ރުފިޔާ އަށް އަރައިފި ކަމަށް ލިޔެފަ ހުންނަ ކަމަށެވެ.
މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ ބައެއް ނޫސްތަކުން އެފަދަ ހެޑްލައިން ތައް ލިޔަނީ މީހުންގެ މެދުގައި ޕެނިކް އުފައްދައި، ޑޮލަރުގެ ބާޒާރު މެނިޕިއުލޭޓް ކުރަން ކަމަށެވެ. އަދި އެފަދަ ނޫސްތަކަށް ހުޅަނގުގެ ގައުމުތަކުން ކިޔަނީ ފޭކް ނިއުސް ކަމަށެވެ.
ރާއްޖޭގައި ޑޮލަރު މާރުކުރާ ރަސްމީ އަގަކީ 15.42 ނަމަވެސް ކަޅުބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރީ 22.10 އަށެވެ.







