ކޭޕާކް ރެސިޑެންސް ޕްރޮޖެކްޓްގެ މައްސަލާގައި މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ވައްކަމުގެ ތުހުމަތުކުރީ އޮޅުވާލައިގެން ވިއްކާފައިވާ ފްލެޓްތަކުން ލިބުނު ފައިސާ ހިފައިގެން ކުންފުނީގެ މައި ހިއްސާދާރު ޖިން ޝީ ހޫ ރާއްޖެ އިން ފިލަން އުޅުނު މައްސަލާގައި އެކަމާ ދެކޮޅު ހެދުމުން ކަމަށް އޭނާ ބުނެފި އެވެ.
އެ މައްސަލާގައި ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ދިފާއުގައި މަންޑޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހަންބޯ މާލޭ އޮފީހުގައި ޖިން ޝީ ހޫގެ މުވައްޒަފުން އަބަދުވެސް ތިބޭނެ ކަމަށާއި، އަދި އެޕާޓްމަންޓްތައް ވިއްކުމަށްފަހު ފައިސާ ޖަމާ ކުރާ އެކައުންޓްތަކުގެ މައުލޫމާތު އެމުވައްޒަފުންނަށާއި ޖިން ޝީ ހޫއަށް އެނގޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި މަންޑޭ ބުނީ، ޖިން ޝިހޫ ބޭނުންވީ އޭނާގެ 95 ޕަސެންޓް ހިއްސާގެ ތެރެއިން އެއް ޕަސެންޓް ހިއްސާ ކޭޕާކްގެ ސައިޓްގައި މަސައްކަތް ކުރަމުން އަންނަ ޗައިނާ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފާ ކުރަން ކަމަށާއި، އެ ކުންފުނީގެ ސެކްރެޓަރީއަކަށް، ކޭޕާކް ފްލެޓުތަކުގައި ބިއްލޫރި ޖެހުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު ކަމަށްވާ، އަލަދަނޑުގެ ގ.ދ ފަރެސްމާތޮޑާ ޝިހާހު ސައީދު އައްޔަންކުރަން ކަމަށެވެ. ނަމަވެސް އެއީ ކުންފުނީގެ ބޯޑުގެ ކޮންޓްރޯލް ނެގުމަށް ކުރަން އުޅޭކަމެއްކަން އެނގޭތީ އެކަމުގެ ލިޔުންތަކުގައި ސޮއި ކުރަން ދެކޮޅު ހަދާފައި ވާނެ ކަމަށް ވެސް އެބަޔާނުގައި އޭނާ ބުނެފައިވެއެވެ.
ކޭޕާކުގެ އަސްލު ކުންފުނި ހަންބޯ ކޮރެއާ އިން ހަންބޯ މޯލްޑިވްސްއަށް ފްލެޓް ވިއްކައި ފައިސާ ބަލައިގަތުމުގެ ބާރު ދީފައި ވިޔަސް އެއީ އޭޖެންޓަށް ލިބޭ ފައިސާއެއް ނޫން ކަމަށާއި އޭޖެންޓަށް ދެނީ ކުރި މަސައްކަތުގެ އަގު އެކަނި ކަމުގައި ކަމަށް ވެސް ބަޔާނުގައި މަންޑޭ ބުނެފައިވެއެވެ.
ކުންފުނީގެ އެއްވެސް ކަމެއް މައި ހިއްސާދާރަށް ނޭނގޭ ކަމަށް ބުނާ ބުނުން ދޮގުކޮށް ބަޔާނުގައި މަންޑޭ ބުނެފައި ވަނީ، ހަންބޯ މޯލްޑިވްސް އިން ކުރާ ހުރިހާ ކަމެއްގެ ހިސާބުކިތާބު ވަރަށް ރަނގަޅަށް ކުންފުނީގެ އެކައުންޓެންޓުން ބަލަހައްޓާ ކަމަށާއި އެހެން ކަމުން މައި ހިއްސާދާރަށް ނޭނގޭނެ ކަމެއް ނޯނާނެކަމުގައެވެ.
ބަޔާނުގައި މަންޑޭ ބުނީ، އޭނާގެ އަގު ވައްޓާލީ، ކޭޕާކުގެ މަސައްކަތްކުރާ އަސްލު ކުންފުނިން ހަންބޯ މޯލްޑިވްސް އަށް ދީފައިވާ ހުރިހާ ބާރެއް އަތުލުމުން ކަމަށާއި، .ކޭޕާކު ފްލެޓްތައް ހަދާފައި ވަނީ އެތަން ވިއްކައިގެން ލިބުނު ފައިސާއިން ކަމަށެވެ. ޖިން ޝިހޫގެ އަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި އެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތަކަށް ޖިން ޝިހޫގެ އެއްބާރުލުން ލިބިފައިި ނުވާ ކަމަށް ވެސް އެބަޔާނުގައި އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި މަންޑޭ ބުނީ، ކޭޕާކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމަޔަށް އޭނާ ދޭނެ ކަމަށެވެ.
ހަންބޯގެ ނަމުގައި މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެހެން ކަމުން ކޭ-ޕާކް ރެޒިޑެންސް އިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.